އިޓާލިއަން ސެރިއޭގެ ކުޅުން ރޭގައި ފެށިގެން ދިޔައިރު، ރޭ ވަނީ މި ލީގުގެ ދެ މެޗެއް ކުޅެފައެވެ. އެގޮތުން ފިއޮރެންޓީނާ އަދި ޓޮރީނޯ ބައްދަލު ކުރި މެޗުގެ އިތުރުން ހެލަސް ވެރޯނާއާއި ރޯމާ ބައްދަލުކުރި މެޗު ހިމެނެއެވެ.
ރޭގެ ކުޅުނު ފުރަތަމަ މެޗުގައި ފިއޮރެންޓީނާއާއި ޓޮރީނޯ ބައްދަލުކުރި އިރު، މި މެޗު ކާމިޔާބު ކޮށްފައިވަނީ ފިއޮރެންޓީނާއެވެ.
ރޭގެ މެޗުން ޓޮރީނޯގެ މައްޗަށް ފިއޮރެންޓީނާއިން ކުރި ހޯދާފައިވަނީ 0-1 ގެ ނަތީޖާއިންނެވެ.
ފިއޮރެންޓީނާގެ އަމިއްލަ ދަނޑުގައި ޓޮރީނޯއާއި ދެކޮޅަށް ކުޅުނު މި މެޗުގައި ވާދަވެރި ކުޅުމެއް ފެނިގެން ދިޔައިރު، މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމިގެން ގޮސްފައިވަނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި 0-0 ގެ ނަތީޖާއަކުން އެއްވަރުވެ އޮވެއެވެ. ފިއޮރެންޓީނާާ އިން މި މެޗުގެ މޮޅުވި ލަނޑު ކާމިޔާބު ކުރީ މެޗުގެ ފަހު ހާފުގެ ކުޅުން ނިމެން ދަނިކޮށް މެޗުގެ 78 ވަނަ މިނެޓުގައި މިޑްފީލްޑަރ ގައިޓާނޯ ކާސްޓްރޮވިލީއެވެ.
ރޭގެ ދެވަނަ މެޗުގައި ބައްދަލުކުރީ ހެލަސް ވެރޯނާ އާއި ރޯމާ އެވެ. މި މެޗުގެ ކުޅުން އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި 0-0 ގެ ނަތީޖާއިން އެއްވަރުވެގެން ނިމުނު އިރު، މެޗުގައި ދެޓީމަށްވެސް ވަނީ ލަނޑުޖަހަން ރަނގަޅު ފުރުސަތުތަކެއް ވެސް ލިބި ބޭކާރުވެފައެވެ.
ލީގުގައި ދެން ކުޅެން ޖެހޭ މެޗުގައި ރަށުން ބޭރުގައި އިންޓަމިލާނާއި ދެކޮޅަށް ފިއޮރެންޓީނާ ނިކުންނަ އިރު، އެޓީމު އަތުން ބަލިވި ޓޮރީނޯ ނިކުންނާނީ އެޓަލާންޓާއާއި ދެކޮޅަށެވެ.
އަދި ރޯމާ ދެން ކުޅެން ޖެހޭ މެޗުގައި ނިކުންނާނީ ޗެމްޕިއަން ޔުވެންޓަސް އާއި ދެކޮޅަށެވެ. އަދި ހެލަސް ވެރޯނާ ނިކުންނާނީ އުދިނޭސީއާއި ދެކޮޅަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް