އއ.ސަފާރީ އައިލެންޑް ރިސޯޓު (މުށިމަސްގަލި) އިން މާލެ ދަތުރުކުރަމުންދިޔަ "މިންވަރު" ނަމަކަށް ކިޔާ ދޯންޏަކުން މީހަކު ކަނޑަށް ވެއްޓިގެން އުޅޭކަމުގެ މަޢުލޫމާތު ލިބުމާއި ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންއިން ފަށައިފިއެވެ.
އެމްއެންޑީއެފުން ބުނީ މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިފައިވަނީ މިރޭ 21:28 ހާއިރު ކަމަށެވެ.
"މަޢުލޫމާތު ލިބިފައިވާ ގޮތުގައި، ގެއްލުނު މީހާއާއެކު އެ ދޯނިން 3 މީހަކު ދަތުރުކުރިއެވެ. އޭގެ ތެރޭގައި ހިމެނެނީ ދިވެއްސަކާއި ދެ ބިދޭސީންނެވެ. އަދި، މިއަދު 18:30 ހާއިރު ކަނޑަށް ވެއްޓި ގެއްލިފައިވަނީ ދޯނީގެ ކެޕްޓަނަކަށް ހުރި ށ.ބިލެތްފަހި / ކްރެސްޓް، އުމުރުން 25 އަހަރުގެ ޢަލީ ފައުޒާން، ނަމަކަށް ކިޔާ ދިވެއްސެއް ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. އަދި، ކަނޑަށް ވެއްޓުނުއިރު އޭނާ ލައިގެން ހުރީ ކަޅުކުލައިގެ ހެދުމެއް ކަމަށާއި، އެމީހާގެ އިސްކޮޅުގައި ގާތްގަނޑަކަށް 5 ފޫޓް ހުންނާނެ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ."
އެމްއެންޑީއެފުން އިތުރަށް ބުނީ މީނާ ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ކޯސްޓްގާޑުގެ އުޅަނދުފަހަރުގައި ސިފައިންގެ ޑައިވަރުންނާއެކު އެ ސަރަޙައްދުގައި މިހާރު ދަނީ ހަރަކާތްތެރިވަމުން ކަމަށާއި މި މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ވީ އެންމެ އަވަހަށް އެމްއެންޑީއެފް ކޯސްޓްގާޑު ހިލޭ ގުޅޭ ނަންބަރު 191 އަށް މަޢުލޫމާތު ދެއްވުން އެދޭކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް