އެމްޑިޕީގެ ޗެއާޕާސަން ހަސަން ލަތީފު އަދި ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއް ސައްތާރު ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގައިފި އެވެ.
އެމްޑީޕީން ބުނީ ދެބޭފުޅުންނަށް ފުލުހުންގެ އިދާރާއަށް ހާޒިރުވާން އެންގީ މާދަމާ ހަވީރު 4:00 އަށް ކަމަށެވެ. އެ ދެބޭފުޅުން ފުލުހުންގެ އިދާރާއަށް ހާޒިރު ކުރަނީ "ވަގު ތެޔޮ ސްޕެޝަލް" ގެ ނަމުގައި އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަކާއި ގުޅޭގޮތުން ތަހުގީގު ކުރަމުންދާ މައްސަލައިގަ އެވެ.
އެ ނޫސްވެރިންގެ ބައްދަލުވުމަކީ ރައީސް އަބްދުﷲ ޔާމީން ހިންގަވާފައިވާ ތެލުގެ ވަގު ވިޔަފާރި ކަމަށް ބުނެ އާންމު ކުރި މައުލޫމާތުތަކެކެވެ. މި މައްސަލައިގަ ރައީސް ޔާމީންގެ ފަރާތްޕުޅުން ވަނީ އެމްޑީޕީ އާއި އަނަސް އަދި ލަތީފުގެ މައްޗަށް އަބުރުގެ ދައުވާ ކުރުމަށް ސިވިލް ކޯޓަށް ހުށަހަޅާފައި އެވެ. އެ މައްސަލަ ކޯޓުން ވަނީ ބަލައިގެންފަ އެވެ.
މީގެ އިތުރުން އެ ނޫސްވެރިންގެ ބައްދަލުވުން ވަގުތުން ބްރޯޑްކާސްޓު ކުރި ކަމަށްބުނެ ރައީސްގެ ފަރާތްޕުޅުން ވަނީ ރާއްޖެ ޓިވީ އާއި ދެކޮޅަށް ބްރޯޑްކާސްޓިން ކޮމިޝަނަށް މައްސަލަ ހުށަހަޅާފައި އެވެ.
އެމްޑީޕީން އެދުވަހު އާންމު ކުރި މައުލޫމާތުތަކާއި ގުޅިގެން ރައީސް ޔާމީންގެ އިންތިހާބީ ހައްގަށް އުނިކަން އައިސްފައިވާ ކަމަށް ބުނެ އެ މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި ވަނީ ހައި ކޯޓަށް ހުށަހަޅާފައި އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މައްސަލަ ނުބަލަން ނިންމައި ކޯޓުން ވަނީ ބޭރު ކޮށްލާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް