އއ. އުކުޅަހުގައި ވެރިކަން ކުރާ ޕީޕީއެމްއިން ރޭ ބޭއްވި ޖަލްސާއަކަށް އެމްޑީޕީގެ ސަޕޯޓަރުން ހުރަސް އަޅައިފި ކަމަށް އެ ޕާޓީން ބުނެފި އެވެ.
ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް ޑރ. އަބްދުﷲ ހަލީލް މީޑިއާގައި ވިދާޅުވީ ޕީޕީއެމް ޖަގަހައިގައި ޖަލްސާ ފެށުމާ އެކު، އެމްޑީޕީގެ ސަޕޯޓަރުންތަކެއް ގޮސް ސައިކަލްތަކުގެ ބަރުގޮނު އަޅައި، އަޑުގަދަކޮށް ހުރަސް އަޅާފައިވާ ކަމަށެވެ. އަދި އެ އަމަލު ހިންގި މީހުންގެ ވީޑިއޯ ކުރަން އުޅުނު ޕީޕީއެމްގެ ސަޕޯޓަރަކަށް އެމްޑީޕީގެ ސަޕޯޓަރަކު ހަމަލަދީފައިވާ ކަމަށް ހަލީލް ވިދާޅުވި އެވެ.
އެކަމަކު އޭނާއަށް މާބޮޑު އަނިޔާއެއް ލިބިފަ ނުވާކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، އުކުޅަހު ހަރުގެ ޖަލްސާ ކުރިއަށް ގެންދަނިކޮށް، އެތަނުގައި ބަހައްޓާފައި ހުރި ސްޕީކަރުތައް ނެގުމަށް ވެސް އެމްޑީޕީ ބަޔަކު މަސައްކަތް ކުރި އެވެ. އެކަމަކު ޕީޕީއެމްގެ ސަޕޯޓަރަކު އެކަމަށް ހުރަސް އެޅުމުން އެކަން ކާމިޔާބު ނުވީ ކަމަށް ޚަލީލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ހަމަނުޖެހުން ކޮންޓްރޯލް ކުރީ ފުލުހުން އެ ތަނަށް ގޮސްގެންނެވެ. އެކަމަކު މިކަމާ ގުޅޭގޮތުން ފުލުހުން އެއްޗެއް ނުބުނެ އެވެ.
ޕީޕީއެމްގެ ކެމްޕެއިން ހަރަކާތަކަށް ހުރަސްއެޅުމަކީ ވަރަށް ބޮޑު އަދަބު ލިބޭ ކަމެއް ކަމަށް މިހާރު ހިނގަމުންދާ ކަންކަމުން އެނގެ އެވެ. އެއީ ޕީޕީއެމްގެ ދިދަފައްޗެއް ކަނޑާލައިގެން ގއ. ކޮލަމާފުށީ 18 މީހެއްގެ މައްޗަށް ވަނީ ޓެރަރިޒަމްގެ ދައުވާ އުފުލާފައި އެވެ.
އެކަމަކު އިދިކޮޅު ފަރާތްތަކުގެ ދިދަ އާއި ބެނާ ޕީޕީއެމްގެ ސަޕޯޓަރުން ކަނޑާ ވީޑިއޯ އާންމު ކުރުމުންވެސް އެކަމަށް ފިޔަވަޅެއް އަޅާފައެއް ނުވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް