ސެމީގެ ފުރަތަމަ ޖާގަ ކިރްގިސްތާނަށް، ސެމީން ޖާގަ ހޯދަން ނޭޕާލް ބަލިކުރުން ރާއްޖެއަށް މަޖުބޫރު

އޭވީސީ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި ރާއްޖެ ބަލިކޮށް، ކިރްގިސްތާނުން ސެމީ ފައިނަލުގެ ޖާގައެއް ހޯދައިފިއެވެ. ނޭޕާލްގައި ކުރިއަށްދާ އެ މުބާރާތުގައި މިރޭ ކުޅުނު މެޗުގައި ރާއްޖޭގެ މައްޗަށް ކިރްގިސ...

20 Aug 2019 | 16:51

އޭވީސީ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި ރާއްޖެ ބަލިކޮށް، ކިރްގިސްތާނުން ސެމީ ފައިނަލުގެ ޖާގައެއް ހޯދައިފިއެވެ.

ނޭޕާލްގައި ކުރިއަށްދާ އެ މުބާރާތުގައި މިރޭ ކުޅުނު މެޗުގައި ރާއްޖޭގެ މައްޗަށް ކިރްގިސްތާނުން ކުރި ހޯދީ ސީދާ ތިން ސެޓުންނެވެ.

އެ މެޗުގެ ފުރަތަމަ ސެޓުގައި ރާއްޖެއިން ހޯދި ގިނަ ގޯސްތަކެއްގެ ފައިދާ ކިރްގިސްތާނުން ނެގިއެވެ. ނަތީޖާއެއްގެ ގޮތުން ފުރަތަމަ ސެޓު ކިރްގިސްތާނުން ނިންމާލީ ދިހަ ޕޮއިންޓުގެ ލީޑެއްގައި އޮވެގެންނެވެ. އެ ސެޓު ކިރްގިސްތާނުން ގެންދިޔައީ 25-15 އިންނެވެ.

މެޗުގެ ދެވަނަ ސެޓުގެ ކުރީކޮޅުގައި ރާއްޖޭގެ ފަރާތުން ވަރުގަދަ ކުޅުމެއް ފެނިގެންދިޔައެވެ. ނަމަވެސް މެޗުގެ ފަހުކޮޅު ރާއްޖެއިން ހިފަހައްޓަމުންދިޔަ ލީޑު ގެއްލިގެންދިޔައީ ކިރްގިސްތާނުގެ ވަރުގަދަ ކުޅުން ނުހިފެހެއްޓުމުގެ ސަބަބުންނެވެ. އެ ސެޓު ކިރްގިސްތާނުން ގެންދިޔައީ 26-24 އިންނެވެ.

ތިންވަނަ ސެޓުގައި ވެސް ކިރްގިސްތާނުގެ ވަރުގަދަ ކުޅުން ފެނިގެންދިޔައެވެ. ކިރްގިސްތާނުގެ އެ ކުޅުމާއެކު ތިންވަނަ ސެޓު ގެންދިޔައީ 25-19 އިންނެވެ.

ރާއްޖެއިން ސެމީ ފައިނަލުގެ ޖާގައެއް ހޯދަން ބޭނުންނަމަ، ގްރޫޕު ސްޓޭޖުގެ ފަހު މެޗުން މޮޅުވާން މަޖުބާރުވާނެއެވެ. އެ މެޗުގައި ރާއްޖެ ނުކުންނަން ޖެހޭނީ މުބާރާތް ބާއްވާ ގައުމު ކަމަށްވާ ނޭޕާލާ ދެކޮޅަށެވެ. ފުރަތަމަ މެޗުގައި ނޭޕާލް ވެސް ވަނީ ކިރްގިސްތާން އަތުން ބަލިވެފައެވެ. އެހެންކަމުން މާދަމާ ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަކީ ނޭޕާލަށް ވެސް ވަރަށް މުހިންމު މެޗަކަށް ވާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް