މާފުށީ ޖަހަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކާއި، އިތުރު ދެމީހަކު މަސްތުވާތަކެއްޗާއި އެކު ހައްޔަރުކޮށްފި

މާފުށީ ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހެއްގެ އިތުރުން، މަސްތުވާތަކެއްޗާއި އެކު އިތުރު ދެމީހުން ފުލުހުން ހައްޔަރުކޮށްފިއެވެ. މި ދެ މައްސަލާގައި ފުލުހުން ހައްޔަރުކޮށްފައި ވަނީ ދިވެހި ތިން ފ...

20 Aug 2019 | 09:39

މާފުށީ ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހެއްގެ އިތުރުން، މަސްތުވާތަކެއްޗާއި އެކު އިތުރު ދެމީހުން ފުލުހުން ހައްޔަރުކޮށްފިއެވެ.

މި ދެ މައްސަލާގައި ފުލުހުން ހައްޔަރުކޮށްފައި ވަނީ ދިވެހި ތިން ފިރިހެނުންނެވެ.

މާފުށީ ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އުމުރުން 18 އަހަރުގެ މީހާ ހައްޔަރުކޮށްފައި ވަނީ، އިއްޔެ 11:05 އެހާކަންހާއިރު ފުލުހުން ހިންގި އޮޕަރޭޝަނެއްގައެވެ. ފުލުހުން ވިދާޅުވީ، މާފުށީ ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމުގެ މައުލޫމާތު ލިބިގެން، މި މީހާ ހައްޔަރުކުރީ މާލޭ މަގުމަތިން ކަމުގައެވެ.

އަނެއް ދެމީހުން ހައްޔަރުކޮށްފައި ވަނީ މާލޭގައި މަސްތުވާތަކެތި ގެންގުޅެ، އެތަކެތި ބޭނުންކޮށް އަދި އެތަކެތީގެ ވިޔަފާރިކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ރޭ 20:12 އެހާކަންހާއިރު ކަމަށް ފުލުހުން ވިދާޅުވިއެވެ. މި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 25 އަހަރުގެ މީހަކާއި 36 އަހަރުގެ މީހެކެވެ.

މި ދެމީހުން ފުލުހުން ހައްޔަރުކުރީ، މާލޭ މަގުމަތިން ސައިކަލެއްގައި ދަނިކޮށް އެ ދެމީހުން ހުއްޓުވައި ބެލިބެލުމުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފަސް ބުލެޓު ފެނުމުނަ ކަމަށް ފުލުހުން ވިދާޅުވިއެވެ. އެތަނުން އެކަކު ދިރިއުޅޭ އެޕާޓްމަންޓް ބަލައިފާސްކުރިއިރު، މަސްތުވާ އެއްޗެއްހުރި ސެލޯފިން ކޮޅަކާއި މަސްތުވާ އެއްޗެއްހުރި ފިލްމް ހުސްކުރި ދަޅެއް ފެނިފައިވެއެވެ.

މި ދެ މައްސަލަ މިހާރު ފުލުހުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް