ނޭޝަނަލް ފިލްމް އެވޯޑު ލިބުމުން އާޔޫޝްމަން ކުރާނާގެ ބްރޭންޑް ވެލިއު މަތިވެ، އިޝްތިހާރު ކުޅެދޭ އަގު ބޮޑުކޮށްފިއެވެ.
އާޔުޝްމަން އިޝްތިހާރެއް ކުޅެދޭނީ 3.5 ކަރޯޑް ރުޕީސް އަށް ކަމަށް އޭނާގެ ޓީމުން ބުނެއެވެ.
މީގެ ކުރިން އާޔުޝްމަން އިޝްތިހާރެއް ކުޅެދިނީ 90 ލައްކަ ރުޕީސް އާއި އެއް ކަރޯޑް ރުޕީސް އާއި ދެމެދުގެ އަގެއްގައެވެ. ނަމަވެސް ނޭޝަނަލް ފިލްމް އެވޯޑަށް ފަހު އޭނާގެ ފީތައް މިވަނީ ބޮޑުކޮށްފައެވެ. ކުރިއަށް އޮތް ތަނުގައި އޭނާ ފިލްމް ކުޅެދޭ އަގުވެސް ބޮޑު ކުރާނެ ކަމުގެ އިޝާރާތެއް އޭނާގެ ޓީމުން ވަނީ ދީފައެވެ.
އާޔުޝްމަން އަށް ނޭޝަނަލް ފިލްމް އެވޯޑު ލިބުނީ 2018 ވަނަ އަހަރުގެ އެންމެ މޮޅު އެކްޓަރުގެ އެވޯޑެވެ. އެއީ މިދިޔަ އަހަރު ނިކުތް ފިލްމް "އަންދްދުން" ގައި އޭނާ ދެއްކި މޮޅު އެކްޓިންގ އަށް ލިބުނު އެވޯޑެކެވެ. މިއީ އޭނާގެ ފުރަތަމަ ނޭޝަނަލް އެވޯޑެވެ.
މި އެވޯޑު ލިބުމުން އާޔުޝްމަން ބުނީ، މިއަދު އޭނާ ކުރި މަސައްކަތުގެ ނަތީޖާ ފެނެއްޖެ ކަމަށާއި، އެކްޓަރަށް ވި މަގްސަދު މިއަދު ހާސިލުވެއްޖެ ކަމަށެވެ.
އެކްޓަރެއްގެ އިތުރުން އާޔުޝްމަން އަކީ ލަވަވެސް ކިޔާ މޮޅު ފަންނާނެކެވެ. އާޔުޝްމަން ބޮލީވުޑަށް ތައާރަފްވީ 2012 ވަނަ އަހަރު ނިކުތް ފިލްމް، "ވިކީ ޑޯނަރ" އިންނެވެ. ނަމަވެސް އޭގެ ކުރިން ބައެއް ރިއަލިޓީ ޝޯވ ތަކުން އޭނާ ވަނީ ފެނިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް