އިތުރު ތިން ރަށެއްގައި މަޝްރޫއުތަކެއް ހިންގުމަށް ހޯމް މިނިސްޓްރީން ފައިސާގެ އެހީ ދީފި

މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ބައެއް ރަށްރަށުގައި މަޝްރޫއުތަކެއް ހިންގުމަށް ވެދެމުން އަންނަ އެހީގެ ދަށުން، އިތުރު ތިން ރަށެއްގައި ތިން މަޝްރޫއެއް ހިންގުމަށް ފައިސާގެ އެހީދީފިއެވެ. ހޯމް މިނިސްޓްރީން ...

20 Aug 2019 | 07:58

މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ބައެއް ރަށްރަށުގައި މަޝްރޫއުތަކެއް ހިންގުމަށް ވެދެމުން އަންނަ އެހީގެ ދަށުން، އިތުރު ތިން ރަށެއްގައި ތިން މަޝްރޫއެއް ހިންގުމަށް ފައިސާގެ އެހީދީފިއެވެ.

ހޯމް މިނިސްޓްރީން މިއަދު ފައިސާގެ އެހީ ދީފައި ވަނީ ރ.ކިނޮޅަހާއި، ހދ.ވައިކަރަދޫ އަދި ރ.އަނގޮޅިތީމަށެވެ.

މިނިސްޓްރީގެ ފަރާތުން ކިނޮޅަހަށް ފައިސާގެ އެހީ ދީފައިވަނީ އެރަށު ހިތްފަސޭހަމައިޒާން ހެދުމަށެވެ. ބަޠޫޠާ މަންޒިލް ފޭސް 2 ހެދުމަށް މިނިސްޓްރީން ދިނުމަށް ހަމަޖެހިފައިވަނީ 298،953.00 އެވެ. ކިނޮޅަސް ކައުންސިލުން މިމަޝްރޫޢަށް 180،000.00 ޚަރަދުކުރާނެއެވެ. އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އަލީ ނަޛީރެވެ. ކިނޮޅަސް ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ރައީސް އަހުމަދު ހުސެއިންއެވެ.

ހޯމް މިނިސްޓްރީން ވިދާޅުވީ، ހދ.ވައިކަރަދޫ ކައުންސިލަށް ފައިސާގެ އެހީތެރިކަން ދިނީ އެރަށު ޤަބުރުސްތާން ވަށާފާރު ރޭނުމަށް ކަމަށެވެ. މިމަޝްރޫޢަށް މިނިސްޓްރީގެ ފަރާތުން ތިން ލައްކަ ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ. ވައިކަރަދޫ ކައުންސިލުން މިމަޝްރޫޢަށް 55،540.00 ޚަރަދުކުރާނެ ކަމަށް ހޯމް މިނިސްޓްރީން ބުނެއެވެ. މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސްޓޭޓް މިނިސްޓަރ އަލީ ނަޛީރު ސޮއިކުރެއްވިއިރު، ވައިކަރަދޫ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލް މެމްބަރު އިމްރާހީމް މުޙައްމަދެވެ.

ރ.އަނގޮޅުތީމަށް ފައިސާގެ އެހީ ދީފައިވަނީ އެރަށުގައި މަގުބައްތި ޖެހުމަށްކަމަށް ހޯމް މިނިސްޓްރީން މައުލޫމާތުދެއްވައެވެ. މިމަޝްރޫޢަށް މިނިސްޓްރީގެ ފަރާތުން 295،500.00 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާއިރު، އެރަށު ކައުންސިލުން މިމަޝްރޫއަށް 180،300.00 ޚަރަދުކުރާނެއެވެ. މި އެއްބަސްވުމުގައި ވެސް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އަލީ ނަޛީރެވެ. ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ރައީސް ޤާސިމް ހުސައިންއެވެ.

މިމަޝްރޫއުގެ ދަށުން 17 ރަށަކަށް އެހީ ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެއީ ޕާރކް ހެދުމަށް ހަ ރަށަކަށް، މަގުބައްތި ޖެހުމަށް ހަ ރަށަކަށް، ޤަބުރުސްތާން ވަށާފާރު ރޭނުމަށް ހަތަރު ރަށަކަށް އަދި ނެރުބައްތި ޖެހުމަށް އެއް ރަށަށެވެ. ރަށްތައް ކަނޑައެޅީ ޢާއްމުކޮށް ހުޅުވާލައި، ކައުންސިލް ތަކުން ހުށައެޅި ޕްރޮޕޯސަލްތައް ބެލުމަށްފަހު އެންމެ ރަނގަޅު ޕްރޮޕޯސަލް ހުށައެޅި ރަށްތައް ބަލައިގެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް