މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ބޯޑު ބަދަލުކޮށް، ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސްސޭޝަން އާއި ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް ވަކިކުރުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށް ލިބޭގޮތަށް ގާނޫނަށް އިސްލާހު ގެނައުމަށް ބިލެއް ހުށަހަޅައިފިއެވެ.
މި އިސްލާހަކީ ޓެކްސް ނެގުމުގެ ގާނުނަށް ގެންނަ އިސްލާހެކެވެ. މި ބިލު މަޖިލީހަށް ހުށަހެޅުއްވީ، ސ. ހުޅުދޫ ދާއިރާގެ މެމްބަރު، އިލްޔާސް ލަބީބެވެ.
މި ބިލުގައި ވާގޮތުން، ކޮމިޝަނާ ޖެނެރަލް އާއި ޑެޕިއުޓީގެ މަގާމުގައި ތިއްބެވި ބޭފުޅުން، އެބޭފުޅުންގެ މަސްއޫލިއްޔަތު އަދާކުރުމުގައި އިހުމާލުވެއްޖެ ނަމަ ނުވަތަ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖައިޒު ފައިދާއެއް ނަގައިފި ނަމަ ނުވަތަ ބޯޑުން ފާސްކޮށްފައިވާ ސުލޫކީ މިންގަނޑާ ހިލާފުވެފައިވާ ކަމަށް މަޖިލިހުގެ ކޮމިޓީއަށް ފެނިއްޖެ ނަމަ، އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ހުށަހަޅައި، މެމްބަރުންގެ މެދުގައި ނެގޭ ވޯޓުގެ އަގުލަބިއްޔަތުން، އެބޭފުޅުން މަގާމުން ވަކިކުރެވޭނެއެވެ.
މި ދެބޭފުޅުންގެ ދައުރުގެ މުއްދަތު މިހާރު ވަކި މުއްދަތަކަށް ނެތް ނަމަވެސް، މި ބިލުގައި އެ މުއްދަތަކީ ފަސް އަހަރުކަމަށް ވަނީ ކަނޑައަޅާފައެވެ.
ޓެކްސް ނެގުމާއި ބެހޭ ގާނޫނުގައި މިހާރު އޮންނަގޮތުން ނަމަ، އެ ދެ ބޭފުޅުން މަގާމުން ވަކިކުރެވޭނީ ރައީސުލްޖުމްހޫރިއްޔާ އަށް އެބޭފުޅުން ވަކިކުރުމަށް ފެނިވަޑައިގަތުމުން. މަޖިލީހުގެ ރުހުމާއި އެކު ރައީސްގެ ސިޓީ އަކުންނެވެ.
މި ބިލުގައި މީރާގެ ބޯޑަށް ބަދަލުތަކެއް ގެނައުމަށްވެސް ވަނީ ހުށަހަޅާފައެވެ. އެގޮތުން ބޯޑުގެ ހަތް މެމްބަރުންގެ ތެރޭގައި ހިމެނޭނީ ކޮމިޝަނަ ޖެނެރަލް އާއި ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ ފަސް މެމްބަރުންގެ އިތުރުން ދައުލަތުގެ މާލިއްޔަތު ކަންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ވުޒާރާގައި، ޓެކުހުގެ ސިޔާސަތުތަކާ ގުޅޭ ކަންކަން ބެލެހެއްޓުމަށް މިނިސްޓަރު ކަނޑައަޅާފައި ހުންނަވާ ބޭފުޅެއް ކަމަށް ބިލުގައި ވަނީ ހިމަނާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް