ދައުލަތުގެ ބެލުމުގެ ދަށުގައި ދިރިއުޅޭ ކުދިން ބަލަހައްޓަމުން ގެންދާ ދެ މަރުކަޒު ކަމުގައިވާ ކުޑަކުދިންގެ ހިޔާއާއި ފިޔަވަތިގެ 179 މުވައްޒަފަކަށް އަމާޒުކޮށްގެން ތަމްރީނު ޕްރޮގްރާމްތަކެއް މިއަދު ފަށައިފިއެވެ.
އެ ދެ މަރުކަޒުގެ ބެލެނިވެރި ފަރާތްކަމުގައިވާ ޖެންޑާ މިނިސްޓްރީން މިއަދު ބުނެފައިވާގޮތުގައި ކުޑަކުދިންގެ ހިޔާގެ 67 މުވައްޒަފަކާއި ފިޔަވަތިގެ 112 މުވައްޒަފުން ބައިވެރިވާ މި ޕްރޮގްރާމްގެ މަޤްޞަދަކީ މުވައްޒަފުންގެ ހުނަރު ތަރައްޤީކޮށް، ދައުލަތުގެ ބެލުމުގެ ދަށުގައި ދިރިއުޅޭ ކުދިން ބަލަހައްޓަމުން ގެންދާ މަރުކަޒުތަކުން ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމެވެ. ތިން ހަފުތާގެ މުއްދަތަށް ކުރިއަށް ގެންދާ މި ޕްރޮގްރާމްގައި ޖުމުލަ އަށް ދާއިރާއަކުން ސެޝަންތައް ކުރިއަށް ގެންދިޔުމަށް ގަސްދުކުރެވިފައިވެއެވެ.
އެ މިނިސްޓްރީން މައުލޫމާތުދެއްވާގޮތުގައި އެ ދާއިރާތަކަކީ
ޕޭރެންޓިންގ ސްކިލްސް
ކެއަރ ވަރކާސް – ރޯލްސް އެންޑް ރެސްޕޮންސިބިލިޓީސް
ޗައިލްޑް ސައިކޮލޮޖީ އެންޑް ސޯޝަލް ވަރކް ތިއަރީ
ސައިކޯ ސޯޝަލް އެޕްރޯޗަސް
ކޮމިއުނިކޭޝަން ސްކިލްސް އެންޑް ޓޫލްސް
އެޑިޝަނަލް ރެސްޕޮންސިބިލިޓީސް އެންޑް މެނޭޖީރިއަލް ރޯލްސް
މެންޓަލް ހެލްތު އެންޑް ވެލްބީންގ، އިމޯޝަނަލް ހެލްތު އިޝޫޒް
ޑިސްއެބިލިޓީސް އެންޑް ލަރނިންގ ޑިފިކަލްޓީސް، މިއެވެ.
މިނިސްޓްރީން ބުނެފައިވާގޮތުގައި މި ޕްރޮގްރާމްތަކުގައި މަރުކަޒުތަކުގެ ހުރިހައި ފަންތިއެއްގެ މުވައްޒަފުން ބައިވެރިވުމަށް ހަމަޖެހިފައިވެއެވެ. އަދި ސެޝަންތައް ނަންގަވައި ދެއްވާނީ ފަންނީ ފަރާތްތަކުން މިނިސްޓްރީއާއި، ކުޑަކުދިންގެ ހިޔާ އަދި ފިޔަވަތިގައެވެ.
ދައުލަތުގެ ބެލުމުގެ ދަށުގައި މި ވަގުތު ޖުމުލަ 150 ކުދިން ދިރިއުޅެމުންދާ އިރު، މި ކުދިންގެ ތެރެއިން 12 އަހަރުން ދަށުގެ 106 ކުދިން ދިރިއުޅެމުން ދަނީ ފިޔަވަތިގައެވެ. އަދި 12 އަހަރުން މަތީގެ 44 ކުދިން ދިރިއުޅެމުން ދަނީ ކުޑަކުދިންގެ ހިޔާގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް