އިންޑިޔާގެ ނެޝަނަލް ސެންޓަރ ފޯރ ގުޑް ގަވަރނަންސް ގެ ވަފުދު ސިވިލް ސަރވިސް ކޮމިޝަނަށް ޒިޔާރަތްކުރައްވައިފިއެވެ.
ދެދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެއަށް ވަޑައިގެން އުޅުއްވާ އެންސީޖީގެ ދެ ބޭފުޅުން މިއަދު ސިވިލް ސަރވިސް ކޮމިޝަނަށް ޒިޔާރަތްކުރައްވަވައި ކޮމިޝަނާއެކު މަޝްވަރާތައް ވަނީ ކުރިޔަށް ގެންގޮސްފައެވެ.
އެން.ސީ.ޖީ.ޖީ ގެ ފަރާތުން ރާއްޖެއަށް ވަޑައިގެންނެވި ދެ ބޭފުޅުންނަކީ ޑިޕާރޓްމަންޓް އޮފް އެޑްމިނިސްޓްރޭޓިވް ރިފޯރމްސް އެންޑް ޕަބްލިކް ގްރީވެންސަސް ގެ އެޑިޝަނަލް ސެކްރެޓަރީ، ޝްރީ ވީ. ސްރީނިވަސް އާއި އެން.ސީ.ޖީ.ޖީ ގެ އެސޯސިއޭޓް ޕްރޮފެސަރ ޕޫނަމް ސިންގް އެވެ.
މި ވަފުދަށް މަރުހަބާ ދެންނެވުމުގެ ގޮތުން ކޮމިޝަނުގެ ރައީސް ދެއްކެވި ވާހަކަފުޅުގައި އިންޑިއާ އާއި ދިވެހިރާއްޖޭގެ އޮތް ގާތް ގުޅުމަށް އަލިއަޅުއްވާލައްވައި، ސިވިލް ސަރވިސް ކޮމިޝަނާއި އެން.ސީ.ޖީ.ޖީ އާއި ދެމެދު އެއްބަސްވެވުނު ފަހުމުނާމާގެ ދަށުން އަގުހުރި ފުރުސަތުތަކެއް ދިވެހި ސިވިލް ސަރވިސް އަށް ލިބިގެންދާނެ ކަމަށް ދެންނެވިއެވެ. މިގޮތުން ދިވެހި ސިވިލް ސަރވިސްގެ ހިންގުން ހަރުދަނާކޮށް ކުރިއެރުވުމާއި އަދި ދިވެހި ސިވިލް ސަރވަންޓުން ތަމްރީނުކުރުމަށް އެހީތެރިކަންދިނުމުގެ ގޮތުން ތަޖުރިބާ ޙިއްސާކުރުމަށް މި އެއްބަސްވުމުގެ ދަށުން އިތުރު މަގުތައް ފަހިވެގެން ދާނެކަމަށް އުއްމީދުކުރައްވާ ކަމުގައި ކޮމިޝަނުގެ ރައީސް ދެންނެވިއެވެ.
މި ވަފުދު ވަނީ މިއަދު ނައިބު ރައީސް އޮނަރަބްލް ފައިސަލް ނަސީމް އާ ބައްދަލުކުރައްވާފައެވެ. މި ވަފުދު މާދަމާ ސީ.އެސް.ޓީ.އައި އަށް ޒިޔާރަތްކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް