އަފްޣާނިސްތާނުގައި އެ ގައުމުގެ 100 ވަނަ މިނިވަން ދުވަސް އިއްޔެ ފާހަގަ ކުރަމުން ދަނިކޮށް 10 ސަރަހައްދެއްގައި ގޮއްވުންތަކެއް ގޮއްވާލައި އެތައް ބަޔަކު ޒަޚަމްކޮށްލައިފިއެވެ.
މި ގޮއްވުންތައް ގޮއްވާލާފައިވަނީ އެ ޤައުމުގެ އިރުމަތީ އަވަށެއް ކަމުގައިވާ ޖަލާލްއާބާދުގައެވެ. ރެސްޓޯރެންޓްތަކެއްގައްޔާއި އާއްމު ބައެއް ތަންތާނގައި ބޮން ގޮއްވާފައިވެއެވެ.
ޖަލާލްއާބާދު ނިސްބަތްވަނީ ނަންގަރްހަރު ޕްރޮވިންސަށެވެ. މި ގޮއްވުންތަކާއި ގުޅޭގޮތުން މައުލޫމާތުދެމުން އެ ޕްރޮވިންސްގެ ގޮރުނުދޯރު ނޫރު އަހްމަދު ހަބީބީ ބުނެފައިވާގޮތުގައި މި ގޮއްވުންތަކުގައި 66 މީހަކު ޒަޚަމްވެފައިވެއެވެ. މި ގޮއްވުންތަކުގެ ޒިންމާ އަދި އެއްވެސް ފަރާތަކުން އުފުލާފައި ނުވާކަމަށްވެސް އޭނާ ބުނެފައިވެއެވެ.
އިއްޔެ މި ގޮއްވުންތައް ގޮއްވާލާފައިވާއިރު މިދިޔަ ހޮނިހިރު ދުވަހު އެ ޤައުމުގެ ވެރިރަށް ކާބުލްގައި ކުރިއަށްދިޔަ ކައިވެނީގެ ހަފްލާއަކަށް އަމާޒުކޮށް ނުރައްކާތެރި ބޮމުގެ ހަމަލާއެއްދީ 63 މީހަކު މަރާލާފައިވެއެވެ. އެ ހަމަލާގައި 200 މީހަކު ޒަޚަމްވެފައިވެއެވެ.
އެ ހަމަލާގެ ޒިންމާ އައިއެސް ޖަމާއަތުން އުފުލާފައިވެއެވެ.
އެ ޤައުމުގެ 100 ވަނަ މިނިވަން ދުވަސް ކުލަގަދަ ގޮތެއްގައި ފާހަގަކުރުމަށް ނިންމި ނަމަވެސް މިދިޔަ ހޮނިހިރު ދުވަހުގެ ހަމަލާއާއި ގުޅިގެން އެ ހަރަކާތްތައް ނުބޭއްވުމަށް ނިންމިއެވެ.
އިނގިރޭސީންގެ އަޅުވެތިކަމުން މިންޖުވެ އަފްޣާނިސްތާނަށް މިނިވަންކަން ލިބުނީ 19 އޯގަސްޓް 1919ގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް