ގުޅީފަޅުން ފްލެޓް ގަތް މީހުންނަށް ބަދަލު ދޭން އެއްބަސްވުމުގައި ސޮއިކުރަން ފަށައިފި

ގުޅީފަޅުން ފްލެޓު ގަންނަން ފައިސާ ދެއްކި މީހުންނަށް ބަދަލު ދިނުމަށްޓަކައި އެމީހުންނާއި އެކު އެއްބަސްވުމެއްގައި ސޮއި ކުރުމުގެ މަސައްކަތް މިހާރު ކުރެވެމުންދާކަމަށް މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގް، ހ...

20 Jul 2020 | 07:28

ގުޅީފަޅުން ފްލެޓު ގަންނަން ފައިސާ ދެއްކި މީހުންނަށް ބަދަލު ދިނުމަށްޓަކައި އެމީހުންނާއި އެކު އެއްބަސްވުމެއްގައި ސޮއި ކުރުމުގެ މަސައްކަތް މިހާރު ކުރެވެމުންދާކަމަށް މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގް، ހައުސިން އެންޑް އިންފްރާސްޓަރަކްޗާ އިން ބުނެފި އެވެ.

ޕްލޭނިން އެންޑް ހައުސިން މިނިސްޓްރީ އިން ބުނީ ގުޅީފަޅުން ފްލެޓު ގަތުމަށް ފައިސާ ދެއްކި ފަރާތްތަކަށް ބަދަލު ދިނުމަށް އެގްރީމަންޓްތަކުގައި ސޮއިކުރުމުގެ މަސައްކަތް މި ހަފްތާގެ ބުރާސްފަތި ދުވަހުގެ ނިޔަލަށް އެ މިނިސްޓްރީގައި ކުރިއަށްދާނެ ކަމަށެވެ.

ގުޅީފަޅުން ހައުސިން ޔުނިޓު ގަތުމަށް މަސައްކަތްކޮށް ނާކާމިޔާބުވި ފަރާތްތަކަށް ބަދަލު ދިނުމަށް ގިނަ ގޮތްތަކެއް ސަރުކާރުން ކަނޑައަޅާފައިވާކަމަށް މިނިސްޓަރު އަސްލަމް ވަނީ ވިދާޅުވެފަ އެވެ.

އެގޮތުން ހައުސިން ޔުނިޓު ގަނެވޭނެ އިތުރު ގޮތްތަކާއި ބަދަލުގެ ގޮތުގައި ފައިސާ ދިނުން އަދި އާ ހައުސިން ޔުނިޓެއް ގަންނައިރު އެތަނުގެ އަގުން ގުޅީފަޅުން ހައުސިން ޔުނިޓު ގަތުމަށް ކޮށްފައިވާ ހަރަދު އުނިވާ ގޮތަށް ހަމަޖައްސައިދިނުން ނިންމާފައިވާ ކަމަށް މިނިސްޓަރު އަސްލަމް ވަނީ ވިދާޅުވެފަ އެވެ.

ގުޅީފަޅުގައި މީހުން ދިރުއުޅުމަށް ގެދޮރު ގަތުމުގެ އެކި މަރުހަލާތަކުގައި 140 މީހަކު ޝާމިލް ވެފައިވާ ކަމަށް މީގެ ކުރިން ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެފައި ވެއެވެ. އަދި އެފަރާތްތަކުގެ ތެރެއިން ބައެއް މީހުން ޑައުންޕޭމެންޓުގެ އިތުރުން ވެސް ފައިސާ ދައްކާފައިވާ ކަމަށް ވަނީ ވިދާޅުވެފައި ވެއެވެ.

ނަމަވެސް ގުޅީފަޅުން ހައުސިން ޔުނިޓު ގަތުމަށް މަސައްކަތްކޮށް ނާކާމިޔާބުވި ފަރާތްތަކަށް ބަދަލުގެ ގޮތުގައި މިއަހަރު ނިމުމުގެ ކުރިން ހައުސިންގް ޔުނިޓެއް ލިބޭނެ ގޮތް ހަމަޖައްސައިދޭނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވެފައިވެއެވެ.

އެގޮތުން ދޭން ނިންމާފައިވަނީ ހައުސިން ޔުނިޓު ނުލިބުމުގެ ސަބަބުން ބޯހިޔާވަހިކަމަށް މި މުއްދަތުގައި ކޮށްފައިވާ ހަރަދުގެ ބަދަލެއްގެ ގޮތުގައި 2017 ވަނަ އަހަރުގެ ޑިސެމްބަރު 20 ވަނަ ދުވަހުން ފެށިގެން ހިނގާ ކޮންމެ މަހަކަށް ތިން އަހަރު ދުވަހަށް 12،000 ރުފިޔާގެ ރޭޓުން ޖުމްލަ 432،000 ރުފިޔާ އެވެ.

ވިޔަފާރި ބަނދަރު ހަަދަން ގުޅިފަޅުން ހިއްކާ ބިމުގެ 15 އިންސައްތަ ބޯހިޔާވަހިކަމަށް ހާއްސަކުރުމަށް ސަރުކާރަށް ހުށަހަޅަން ރައްޔިތުންގެ މަޖިލީހުން ވަނީ މިދިިޔަ ޖޫން މަހުގެ 30 ގައި ފާސްކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް