ނިއުދިއްލީއާއި ސިންގަޕޫރުގައި ވޯޓު ފޮށި ބަހައްޓާ ތަންތަން އިއުލާންކޮށްފި

ސެޕްޓެމްބަރ މަހުގެ 23 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ރާއްޖޭން ބޭރުގައި ވޯޓު ފޮށި ބަހައްޓެމަށް އިލެކްޝަން ކޮމިޝަނުން ފަހުން ނިންމި އިންޑިޔާގެ ނިއުދިއްލިއާއި ސިންގަޕޫރުގައި ...

20 Jul 2018 | 08:21

ސެޕްޓެމްބަރ މަހުގެ 23 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ރާއްޖޭން ބޭރުގައި ވޯޓު ފޮށި ބަހައްޓެމަށް އިލެކްޝަން ކޮމިޝަނުން ފަހުން ނިންމި އިންޑިޔާގެ ނިއުދިއްލިއާއި ސިންގަޕޫރުގައި ވޯޓު ފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާ ތަންތަން އިއުލާންކޮށްފިއެވެ.

އިލެކްޝަން ކޮމިޝަނުން ކޮށްފައިވާ އިއުލާންގައި ބުނަނީ ނިއުދިއްލީގައި ވޯޓްފޮށި ބެހެއްޓުމަށް ނިންމާފައިވަނީ ރާއްޖޭގެ އެމްބަސީގައި ކަމުގައެވެ. އަދި ސިންގަޕޯރގައި ވޯޓް ފޮށި ބެހެއްޓުމަށް ނިންމާފައިވަނި ކޮންކޯޑް ހޮޓެލްގެ ސްޓޫޑިއޯ 3 ގައި ކަމުގަ އެވެ.

ރިޔާސީ އިންތިޚާބު ގައި ރާއްޖެއިން ބޭރުގައި ވޯޓުފޮށި ބެހެއްޓުމަށް ހަމަޖައްސާފައިވާ ޤައުމުތަކުގެ ތެރެއިން އެ ޤައުމެއްގައި ވޯޓުފޮށި ބަހައްޓާނީ، ރަށްވެހިވެފައިވާ ތަންނޫން އެހެން ތަނެއްގައި ވޯޓުލުމަށް ރީ-ރަޖިސްޓަރީވުމަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލާ މުއްދަތުގެ ތެރޭގައި އެއިން ޤައުމެއްގައި ވޯޓުލުމަށް މަދުވެގެން 200 މީހުން ރަޖިސްޓަރީވެފައިވާ ނަމަކަމަށް އިލެކްޝަނުން ބުނެއެވެ.  އެހެންކަމުން 200 މީހުންނަށްވުރެ މަދު ޢަދަދަކަށް ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާނަމަ، އެ ޤައުމެއްގައި ބެހެއްޓުމަށް ހަމަޖައްސާފައިވާ ވޯޓުފޮށި ނުބެހެއްޓޭނެ ކަމަށް އިލެކްޝަނުން ބުނެއެވެ.

އެ ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކުރި މީހުންގެ ރަޖިސްޓަރީ ބާޠިލްކޮށް އެ މީހުން ރަށްވެހިވެފައިވާ ރަށުގައި ވޯޓުލެވޭ ގޮތަށް ރަޖިސްޓަރީ ބަދަލުކުރެވޭނެ ކަމަށް އިލެކްޝަނުން ބުނެއެވެ. އަދި އެ ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކުރި މީހުންނަށް ފަސޭހައިން ވޯޓުލުމަށް، އެހެން ފޮށްޓަކަށް ރީ-ރަޖިސްޓަރީ ކުރުމަށް ތިން ދުވަހުގެ މުއްދަތެއް ދެވޭނެކަމަށް ކޮމިޝަނުން ބުނެއެވެ.

މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ވޯޓު ފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާ ތަންތަން ކުރިން އިއުލާންކުރިއިރު އިލެކްޝަން ކޮމިޝަނުން އިއުލާންކޮށްފައިވަނީ ހަތަރު ގައުމެއްގައި ވޯޓު ފޮށި ބެހެއްޓުމަށެވެ. އެ ޤައުމުތަކަކީ އިންޑިޔާގެ ޓްރިވެންޑްރަމާއި ސްރީލަންކާގެ ކޮލަމްބޯއާއި މެލޭޝިޔާގެ ކުއަލަލަމްޕޫރު އަދި އިނގިރޭސިވިލާތުގެ ލަންޑަންއެވެ. ނަމަވެސް ފަހުން އިލެކްޝަން ކޮމިޝަނުން ވަނީ އިތުރު ދެތަން ކަމުގައިވާ ނިއުދިއްލީ އާއި ސިންގަޕޫރުގައި ވޯޓު ފޮށި ބެހެއްޓުމަށް ނިންމާފައެވެ. މީގެއިތުރުން ކުރިން ހަތް ރިސޯޓެއްގައި ވޯޓު ފޮށި ބެހެއްޓުމަށް ނިންމި ނަމަވެސް ފަހުން އިލެކްޝަން ކޮމިޝަނުންވަނީ އިތުރު 29 ތަނެއްގައި ވޯޓު ފޮށި ބަހައްޓަން ނިންމާ އެރިސޯޓްތައް އިއުލާންކޮށްފައެވެ.

މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ރަށްވެހިވެފައިވާ ތަން ނޫން ތަނެއްގައި ވޯޓުލުމަށް ބޭނުންވާ ފަރާތްތަކަށް ރީ ރަޖިސްޓްރޭޝަންގެ ފުރުސަތު އިލެކްޝަން ކޮމިޝަނުން މިހާރު ވަނީ ހުޅުވާލާފައެވެ. އަންނަ އޮގަސްޓް މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ރީ ރަޖިސްޓްރޭޝަންގެ ކަންކަން ކުރިޔަށްދާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް