ޖުޑިޝަލް ސާރވިސް ކޮމިޝަން (ޖޭއެސްސީ)އިން ބަލަމުން އަންނަ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން އަބްދުﷲ ދީދީގެ ސުލޫކީ މައްސަލާގައި މިއަދުފެށި ތަހުޤީގުގައި ދީދީގެ ވަކީލުންގެ ގޮތުގައި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ބައިވެރިވަޑައިގެންފިއެވެ.
އާންމުކޮށް ހުޅުވަލައިގެން ބާއްވާ ތަހުގީގު ބައްދަލުވުން މިއަދު ހެނދުނު ދަރުބާރުގައި ފެށިއިރު، ފަނޑިޔާރު ދީދީގެ ދިފާއުގައި އެބޭފުޅާގެ އަރިހުގައި ހަތަރު ބޭފުޅުން ވަޑައިގެންނެވިއެވެ. އެގޮތުން އެބޭފުޅާގެ ވަކީލުންގެ ޓީމްގައި ހިމެނިވަޑައިގަންނަވަނީ ޑރ. ޖަމީލާއި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފަރާތުން ޖޭއެސްސީގައި ކުރިން އިންނެވި މެންބަރު ސަލީމްގެ އިތުރުން ރައީސް ޔާމީންގެ ގާނޫނީ ވަކީލް އާދަމް އާސިފާއި އަދި ވަކީލް އާދަމް ޝަމީމެވެ.
ފާހަގަކޮށްލަންޖެހޭ ގޮތުގައި މީގެ ކުރިންވެސް ޑރ. ޖަމީލްވަނީ ފަނޑިޔާރު ދީދީގެ ދިފާއުގައި ވާހަކަދައްކަވާފައެވެ. އެ ގޮތުން ފަނޑިޔާރު ދީދީ ޖަވާބުދާރީ ކުރުމެއް ނެތި އޭނާއާ މެދު ފިޔަވަޅު އަޅަން ޖޭއެސްސީން ނިންމި ނިންމުމަކީ ގާނޫނު އަސާސީއާ ހިލާފު އަދި މި ސަރުކާރު ގެންނަން ގަބޫލު ކުރި މައިގަނޑު އަސާސްތަކާ ވެސް ހިލާފު ކަމެއް ކަމަށް ޖަމީލު ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.
މީގެ އިތުރުން މިއަދުގެ އަޑުއެހުމުގައި ޖަމީލް ވިދާޅުވީ މިއަދު ފެށިގެން ކުރިއަށް ގެންދާ ތަހުޤީގަކީ ގާނޫނު އަސާސީއާއި ފަނޑިޔާރުންގެ ގާނޫނާއި ޚިލާފަށް ކުރިއަށް ގެންދާ ތަހުގީގެއް ކަމަށެވެ. އަދި އެއީ އެކަށީގެންވާ ވަގުތު ނުދިނުމާއި ބޭނުންވާ ލިޔެކިޔުންތައް ތުހުމަތު ކުރެވޭ ފަރާތައް ނުދެތީ ކަމަށްވެސް ޖަމީލް ވިދާޅުވިއެވެ.
އަދި މިއީ ސީރިއަސް ތުހުމަތުތަކަކަށް ވާތީ އިންސާފުވެރި ކަމާއި އެކު ތަހުގީގުތައް ކުރިއަށް ގެންގޮސްދިނުމަށްވެސް ޑރ. ޖަމީލްވަނީ އެދިވަޑައިގެންފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް