ރަށުން ގަސް ނަގަންވީމާ އީޕީއޭއަކަށް ނޭނގޭނެ ކަމަށް ކަލައިދޫ ކައުންސިލް ރައީސް ބުނެފި: ފުލުހުން

ރަށުން ގަސް ނަގަންވީމާ އީޕީއޭއަކަށް ނޭނގޭނެ ކަމަށް ކަލައިދޫ ކައުންސިލް ރައީސް ބުނެފި: ފުލުހުން ލ. ކަލައިދޫން ގަވާއިދާ ހިލާފަށް ގަސްތަކެއް ބޭރުކުރަން އުޅެނިކޮށް އެކަން ހުއްޓުވައި އެ ގަސްތައް މިހާރު އިނ...

20 Jun 2019 | 05:16

ރަށުން ގަސް ނަގަންވީމާ އީޕީއޭއަކަށް ނޭނގޭނެ ކަމަށް ކަލައިދޫ ކައުންސިލް ރައީސް ބުނެފި: ފުލުހުން

ލ. ކަލައިދޫން ގަވާއިދާ ހިލާފަށް ގަސްތަކެއް ބޭރުކުރަން އުޅެނިކޮށް އެކަން ހުއްޓުވައި އެ ގަސްތައް މިހާރު އިންދާފައިވާއިރު އެ ރަށުން ގަސް ނަގަން ވީމާ އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭއަށް) ނޭނގޭނެ ކަމުގައި އެ ރަށު ކައުންސިލް ރައީސް ބުނި ކަމުގައި ފުލުހުން ބުނެފިއެވެ.

މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވާގޮތުގައި ލ. ކަލައިދޫ ބަނދަރުގައި އޮތް ބޯޓަކަށް ގަވާއިދާ ހިލާފަށް ނަގާފައިހުރި ކިނބިގަސްތަކެއް އަރުވާފައިހުރިކަމަށްބުނެ ލ. އިސްދޫ ޕޮލިސް ސްޓޭޝަނަށް މި މަހުގެ 18 ވަނަ ދުވަހުގެ ރޭ ހުށަހެޅުނު މައްސަލައަކާއި ގުޅިގެން ފުލުހުން ގޮސް ބެލި އިރު 20 ފޫޓު ހުންނަވަރުގެ ކިނބިގަސްތަކެއް އެ ބޯޓަށް އަރުވާފައި ހުއްޓާ ފެނިފައިވެއެވެ.

"އެ ގަސްތައް އިއްޔެ ހަވީރު އެ ބޯޓުން ބޭލުމަށްފަހު، އެ ގަސްތައް ނަގާފައިހުރި ތަނުގައި އަލުން އެ ގަސްތައް ފުލުހުން ވަނީ އިންދާފައި" ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ބުނެފައިވާގޮތުގައި މި ގަސްތަކަކީ އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) ގެ ހުއްދަ ނެތި ކަލައިދޫ ކައުންސިލުން 10 ރުފިޔާގެ މަގުން ވިއްކާފައިވާ ގަސްތަކެކެވެ. އަދި ކަލައިދޫން ގަސްނަގަން ވީމާ އީޕީއޭއަށް ނޭނގޭނެ ކަމަށާއި އެއީ މަގެއް ހެދުމަށް ނެގި ގަސްތަކެއް ކަމަށް އެ ރަށު ކައުންސިލް ރައީސް ބުނެފައިވާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ނަމަވެސް އެ ރަށު ކައުންސިލްގެ ރައީސް ހުސެއިން ޚަލީލަށް ގުޅާލުމުން ވިދާޅުވީ ފުލުހުން އެކުރީ ވަރަށް ޒިންމާދާރުކަން ކުޑަ ކަމެއް ކަމަށާއި އެފަދަ ބަހެއް ބުނެފައިނުވާނެ ކަމަށެވެ.

"އެއީ މުޅިން ގޯސް ވާހަކައެއް، ސީދާ އަބުރު ކަތިލުން ނޫންތޯ އެއީ" ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ އެ ރަށުން ގަސް ނަގަން މިހާރުވެސް އީޕީއޭއިން ސިޓީއެއް ލިބިފައިވާކަމަށާއި އެހެންކަމުން އީޕީއޭއަށް ނޭނގޭނެކަމަށް ބުނެފައިވިޔަސް އެކަމުގައި އެއްވެސް ހަގީގަތެއް ނެތްކަމުގައިވެސް ކައުންސިލް ރައީސް ވިދާޅުވިއެވެ.

ފުލުހުން އިތުރަށް ބުނެފައިވާގޮތުގައި އެ ގަސްތައް ނަގާފައިވާ ސަރަހައްދުގައި 40 ވަރަކަށް ގަސް އުފުރާ ބާއްވާފައިވެސް އޮތެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް