ފީފާ ވޯލްޑް ކަޕްގެ ގްރޫޕް އޭ ގައި ދާދި ދެންމެ އުރުގުއޭ އިން 1-0 އިން ސައޫދީ އަރަބިއާ ބަލިކޮށް ދެ ވަނަ ބުރަށް ދަތުރު ކުރިއިރު، ކުޅި ބަލަން ތިބި ރަޝިޔާއަށް ވެސް ދެ ވަނަ ބުރު ކަށަވަރު ވެއްޖެއެވެ.
އުރުގުއޭ ކުޅުނު ދެ މެޗުން ވެސް މޮޅުވެ 6 ޕޮއިންޓް ހޯދާފައިވާއިރު، ރަޝިޔާ ވެސް ވަނީ ކުޅުނު ދެ މެޗު ވެސް ކާމިޔާބު ކޮށްގެން 6 ޕޮއިންޓް ހޯދާފައެވެ. މި ގްރޫޕްގައި ދެން ހިމެނޭ މިސްރާއި، ސައޫދީ އަރަބިއާ މެޗަކުން މޮޅުވެފައި ނުވާއިރު، ކޮންމެ ޓީމަކަށް ބާކީ އޮތް 1 މެޗު ކާމިޔާބު ކުރެވުނަސް ލިބޭނީ 3 ޕޮއިންޓެވެ. އެހެންކަމުން، މުހައްމަދު ސަލާހްގެ މިސްރާއި ސައޫދީއަށް ވެސް ގްރޫޕް ސްޓޭޖާ ހިސާބުން މި ވަނީ މުބާރާތާ އަލްވަދާއު ކިޔަން ޖެހިފައެވެ.
މި މެޗުގައި އުރުގުއޭގެ ހަމައެކަނި ލަނޑު މެޗުގެ 23 ވަނަ މިނިޓުގައި ކާމިޔާބު ކޮށްދިނީ ލުއިސް ސުއަރޭޒް އެވެ. ކާލޯސް ސަންޗޭޒް ނަގައިދިން ކޯނަރު ދިފާއު ކުރަން ސައޫދީ ގޯލްކީޕަރ ކުރިއަށް ނުކުތް ނަމަވެސް، އޭނާއަށް އެ ބޯޅަ ސަލާމަތް ނުކުރެވި ލިބުނީ ފާ ޕޯސްޓް ގައި ހުރި ލުއިޒް ސުއަރޭޒް އަށެވެ. އޭނާ ވަނީ އެއް ބުރުން ބޯޅަ ގޯލަށް ފޮނުވާލާފައެވެ.
އުރުގުއޭއަށް ކުޅެދިން 100 ވަނަ މެޗުގައި ބާސާގެ ތަރި ސުއަރޭޒް ލަނޑު ޖަހާފައިވާއިރު، އޭނާ ވެފައިވަނީ 3 ވޯލްޑް ކަޕްގައި އުރުގުއޭއަށް ލަނޑު ޖަހައިދިން ހަމައެކަނި ކުޅުންތެރިޔާއަށެވެ.
މިރޭގެ މެޗުގައި ސައޫދީ އަރަބިއާ އިން ވަނީ އުރުގުއޭ އަށްވުރެ ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅެފައެވެ. އެހެނަސް، ގޯލަށް ނުރައްކާތެރި ހަމަލާތަކެއް އުފެއްދުމުގައި އެ ޓީމަށް މާ ބޮޑު ކާމިޔާބީއެއް ނުހޯދުނެވެ. ސައޫދީއަށް އަނެއްކާ ވެސް ގްރޫޕް ސްޓޭޖުން ވޯލްޑް ކަޕާ ވަކިވާން ޖެހުނުއިރު، ވޯލްޑް ކަޕްގައި އެ ގައުމު އެންމެ ފަހުން ކުޅުނު 12 މެޗުންކުރެ އެއްވެސް މެޗަކުން މޮޅުވެފައެއް ނުވެއެވެ. އަނެއްކޮޅުން، ފާއިތުވި 3 ވޯލްޑް ކަޕެކޭ އެއްގޮތަށް ގްރޫޕްގެ އެންމެ ފުލުގައި އޮވެ މިފަހަރު ވެސް ނިންމާލަން ޖެހުމުގެ ބިރު އެބައޮތެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް