ޕޯޗުގަލް އަތުން ބަލިވުމާއެކު، ވޯލްޑް ކަޕުން ކެޓި ފުރަތަމަ ޓީމަކަށް މޮރޮކޯ

ފީފާ ވޯލްޑް ކަޕްގެ ގްރޫޕް ބީ ގައި މިރޭ ޕޯޗުގަލް އާއި މޮރޮކޯ ބައްދަލުކުރި މެޗުން 1-0 އިން މޮރޮކޯ ބަލިވުމާއެކު، ވޯލްޑް ކަޕަށް އަލްވަދާއު ކިޔަން ޖެހުނު ފުރަތަމަ ޓީމަކީ އެ ގައުމުކަން ކަށަވަރު ވެއްޖެއެވެ. ...

20 Jun 2018 | 14:38

ފީފާ ވޯލްޑް ކަޕްގެ ގްރޫޕް ބީ ގައި މިރޭ ޕޯޗުގަލް އާއި މޮރޮކޯ ބައްދަލުކުރި މެޗުން 1-0 އިން މޮރޮކޯ ބަލިވުމާއެކު، ވޯލްޑް ކަޕަށް އަލްވަދާއު ކިޔަން ޖެހުނު ފުރަތަމަ ޓީމަކީ އެ ގައުމުކަން ކަށަވަރު ވެއްޖެއެވެ.

މިރޭގެ މެޗުން މޮޅުވުމާއެކު ޕޯޗުގަލްއަށް 4 ޕޮއިންޓް ލިބިފައިވާއިރު، ކުޅުނު ދެ މެޗުން ވެސް ބަލި ވެފައިވާ މޮރޮކޯ އަތުން ހޯދި މޮޅާއެކު އިރާން އަށް ވަނީ 3 ޕޮއިންޓް ލިބިފައެވެ. އެހެންކަމުން ފަހު މެޗުން ސްޕެއިން އަތުން މޮރޮކޯ މޮޅުވިޔަސް، ގްރޫޕް ސްޓޭޖް ފަހަނަ އަޅާ ދެވޭނެ ގޮތެއް ނެތެވެ.

ޕޯޗުގަލްއަށް މިރޭގެ މެޗުން ކުރި ލިބުނީ މެޗުގެ 4 ވަނަ މިނިޓުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ބޮލުން ޖަހައިދިން ލަނޑުންނެވެ. މިއީ ޖޯ މޮޓީނޯ ނަގައިދިން ހުރަހަކުން ރޮނާލްޑޯ ޖެހި ލަނޑެކެވެ.

މިރޭގެ މެޗުގައި، ސްޕެއިންއާ ދެކޮޅަށް ދެއްކި ފަދަ މޮޅު ކުޅުމެއް ރޮނާލްޑޯގެ ފަރާތުން ނުފެނުނު ނަމަވެސް، އޭނާ ޖެހި ލަނޑާއެކު އިންޓަނޭޝަނަލް ލަނޑު ލިސްޓުގެ ދެ ވަނަ އޭނާއަށް ވަނީ ލިބިފައެވެ. މި ލިސްޓުގެ އެއް ވަނައިގައި އޮތީ 109 ލަނޑާއެކު އަލީ ޑެއާއެވެ. އަދި މިރޭ ޖެހި ލަނޑާއެކު ރޮނާލްޑޯ ވެފައިވަނީ ޔޫރަޕްގެ ކުޅުންތެރިންގެ ތެރެއިން ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާއަށެވެ.

މިރޭގެ މެޗުގައި މޮރޮކޯ އިން މޮޅަށް ކުޅެ ޕޯޗުގަލްގެ ޑިފެންސަށް ބާރު ބޮޑު ކުރިނަމަވެސް، އެ ޓީމަށް ލިބުނު ފުރުސަތުތަކުގައި ލަނޑެއް ކާމިޔާބު ކުރެވޭ ގޮތެއް ނުވިއެވެ.

ގްރޫޕް ބީ ގައި މިރޭ ދެން ކުޅޭނީ ސްޕެއިން އާއި އިރާން ބައްދަލުކުރާ މެޗެވެ. އެ މެޗު ފެށޭނީ ރާއްޖެ ގަޑިން 23:00 ގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް