އަންގާރަ ދުވަހު ކުރިއަށްގެންދިޔަ ބްރެޒިލްގެ ފަރިތަކުރުންތަކުގައި ނޭމާއަށް އަނިޔާވެ ދަނޑު ދޫކޮށް އެނބުރި ދާންޖެހިއްޖެއެވެ.
އިތުރު ކުޅުންތެރިންތަކަކާއި އެކު "ކީޕް އަވޭ" ކުޅެމުންދަނިކޮށް ނޭމާގެ ކަނާތު ފަޔަށް ތަދެއް އަރައިގެން ޑްރެސިން ރޫމްއަށް އެނބުރިގޮސްފައިވަނީ ޓްރެއިނިން ފެށިތާ އެންމެ 15 މިނެޓް ތެރޭގައެވެ. ބްރެޒިލްގެ ގައުމީ ޓީމުގެ ޑޮކްޓަރު ރޮޑްރިގޯ ލަސްމާ ބުނެފައިވާގޮތުގައި މާ ބޮޑު އަނިޔާއެއް ނުވާ ކަމަށާއި ދަނޑު ދޫކޮށް ދިޔައީ ސަލާމަތަށްޓަކައި ކަމަށެވެ. އަދި މިވަގުތު ހަމަޖެހެން ޖެހޭ ކަމަށާއި، ފިސިއޮތެރަފީ ހަދައި ހުކުރު ދުވަހު އޮންނަ ތަމްރީނުތަކުގައި ނޭމާއަށް ބައިވެރިވެވޭވަރު ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށްވެސް ޑޮކްޓަރު ވަނީ ބުނެފައެވެ.
ނޭމާގެ އަނިޔާއާއި ގުޅޭ އިތުރު ތަފްސީލު ދެމުން ބްރެޒިލްގެ ގައުމީ ޓީމުގެ ޑޮކްޓަރު ބުނެފައިވަނީ މި އަނިޔާ އަކީ ސްވިޒަލޭންޑް މެޗުގައި ނޭމާއަށް ކުރި ފައުލަކާ ގުޅިގެން ލިބުނު އަނިޔާއެއް ކަމަށެވެ. އަދި މި އަނިޔާއާއި މީގެ ކުރިން ނޭމާގެ ފައި ބިންދައިގެންދިޔަ އަނިޔާއާއި އެއްވެސް ގުޅުމެއް ނެތްކަމަށްވެސް ޑޮކްޓަރު ވަނީ ބުނެފައެވެ.
އާދީއްތަ ދުވަހު ސްވިޒަލެންޑާއެކު ބްރެޒިލް ކުޅުނު މެޗުގައި ނޭމާއަށް ވަނީ ދިހަ ފަހަރު ފައުލް ކޮށްފައެވެ. މިއީ ފާއިތުވެދިޔަ 20 އަހަރު ދުވަހު ކުޅުނު ވޯލްޑް ކަޕް ތަކުގައި އެއްވެސް ކުޅުންތެރިއަކަށް ފައުލް ނުކުރާ ރެކޯޑު އަދަދެކެވެ. ވޯލްޑް ކަޕުގައި ބްރެޒިލް ދެން ބައްދަލު ކުރާނީ ކޯސްޓަ ރިކާއާއެވެ. މި މެޗު ކުޅޭނީ މި އަންނަ ހުކުރު ދުވަހުގެ 5:00 ގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް