މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވޯޓު ލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ދިން ވަގުތު އިތުރުކޮށްފި އެވެ.
އިލެކްޝަންސް ކޮމިޝަނުން ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓު އާންމު ކުރީ މިމަހުގެ 10 ވަނަ ދުވަހު އެވެ. އަދި ޝަކުވާ ހުށަހެޅުމުގެ އެންމެ ފަހުގެ މުއްދަތަކަށް ދީފައިވަނީ މިއަދުގެ ހަވީރު 4:00 އެވެ.
މިހާރު ޝަކުވާ ހުށަހެޅުމުގެ މުއްދަތު ހަމަވާނީ މިރޭ 10:30 އަށެވެ. އީސީގެ މެންބަރު އަހުމަދު އަކުރަމް ވިދާޅުވީ ވަގުތު އިތުރު ކުރީ ވީހާވެސް ގިނަ ފަރާތްތަކަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ.
ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހަޅަން ދީފައިވާ ފުރުސަތުގައި އިއްޔެގެ ނިޔަލަށް ހުށަހަޅާފައިވަނީ 69 ޝަކުވާ އެވެ. އޭގެ ތެރޭގައި ހިމެނެނީ 18 އަހަރު ނުވާ ކުދިން ލިސްޓުގައި ހިމެނުމާއި މަރުވެފައިވާ މީހުން ލިސްޓުގައި ހިމެނުން ފަދަ ޝަކުވާތަކެވެ.
އީސީން އާންމުކޮށްފައިވާ ވަގުތީ ވޯޓާސް ލިސްޓުގައި ވޯޓު ލުމުގެ ހައްގު ލިބިގެންވާ 263،000 މީހުންގެ ނަން ހިމެނެ އެވެ. އިލެކްޝަންސް ކޮމިޝަނުން ބުނީ އާންމުކޮށްފައިވާ ލިސްޓަކީ ނެޝަނަލް ރެޖިސްޓްރޭޝަނުން ހޯދާފައިވާ ޑާޓާ ބޭސްގެ މައްޗަށް އެކުލަވާލާފައިވާ ލިސްޓެއް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް