މިއަހަރު ބާއްވާ ރިޔާސީ އިންތިހާބު އޮބްޒާވް ކުރުމަށް ބައެއް ގައުމުތަކަށާއި ބައިނަލް އަގުވާމީ ބައެއް ޖަމިއްޔާތަކަށް ދައުވަތު ދީފި އެވެ.
އެ ކޮމިޝަނުން މިއަދު ބުނީ ދައުވަތު ދީފައިވަނީ ޔޫރަޕްގެ ދެ ގައުމަކަށާއި، ސާކްގެ ދެ ގައުމަކަށާއި، އޭޝިއާ ޕެސިފިކްގެ ދެ ގައުމެއްގެ އިތުރުން އަރަބި އެއް ގައުމަށް ކަމަށެވެ. އަދި ބައިނަލް އަގުވާމީ މައިދާނުގައި ހަރަކާތްތެރިވަމުންދާ ތިން ޖަމިއްޔާއަކަށް ރިޔާސީ އިންތިހާބު އޮބްޒާވް ކުރުމަށް ދައުވަތު ދީފައިވާނެ ކަމަށެވެ.
އެކަމަކު އެއީ ކޮން ގައުމުތަކެއް ކަމެއް އަދި ކޮން ޖަމިއްޔާތަކެއް ކަމަށް އީސީން ހާމައެއް ނުކުރެ އެވެ. އެކަމަކު ބުނީ ދައުވަތު ދިން ގައުމުތައް ކަނޑައެޅީ އިލެކްޝަންސް ކޮމިޝަންތަކާ ބެހޭ ބައިނަލް އަގުވާމީ ޖަމްއިއްޔާ ތަކާ ވާހަކަ ދައްކައި، އެ ޖަމްއިއްޔާ ތަކުގެ މަޝްވަރާ އާ އެކު ކަމަށެވެ.
މިއަހަރުގެ ރިޔާސީ އިންތިހާބު ބާއްވާ ތާރީހު އިއުލާނު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވެފައިވަނީ މިއަހަރުގެ އިންތިހާބަކީ މިހާތަނަށް އެންމެ ހުޅުވާލެވިގެން ހާމަކަން ބޮޑުގޮތެއްގައި ބާއްވާ ފުރަތަމަ އިންތިހާބަށް ވާނެ ކަމަށެވެ. އެގޮތުން ގިނަ ގައުމުތަކަކަށް އިންތިހާބު އޮބްޒާވް ކުރުމުގެ ފުރުސަތުދީ، ބައިނަލް އަގުވާމީ ނޫސް އިދާރާތަކަށް މޮނީޓާ ކުރުމަށް ފުރުސަތު ދޭނެ ކަމަށެވެ.
މިއަހަރުގެ ރިޔާސީ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު އެވެ. އިންތިހާބަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ކޮމިޝަނުން ވަމުންދާއިރު ވޯޓާސް ލިސްޓު ގެޒެޓުކޮށް ޝަކުވާ ހުށަހެޅުމަށް ވަނީ ހުޅުވާލާފައި އެވެ.
އަދި އިންތިހާބު މޮނިޓާ ކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ވަނީ ހުޅުވާލާފައި އެވެ. އިންތިހާ ބުގައި ވާދަ ކުރަން ބޭނުންވާ ކެންޑިޑޭޓުން ފޯމް ހުށަހެޅުމަށް އަންނަ މަހުގެ 15 ވަނަ ދުވަހު ފުރުސަތު ހުޅުވާލާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް