އުވައިސް ސަފީރުކަމުގެ ފަތްކޮޅު ޖަޕާނު އެމްޕަރާއަށް އަރުވައިފި

ރާއްޖެއިން ޖަޕާނަށް ކަނޑައެޅި އާ ސަފީރު އިބްރާހިމް އުވައިސް، ޖަޕާނުގެ އެމްޕެރާ އަކިހީޓޯއަށް ސަފީރުކަމުގެ ފަތްކޮޅު އަރުވައިފިއެވެ. އިއްޔެ ހެނދުނު ޓޯކިޔޯ އިމްޕީރިއަލް ޕެލަސްގައި އޮތް ރަސްމިއްޔާތުގައި އު...

20 Jun 2018 | 08:11

ރާއްޖެއިން ޖަޕާނަށް ކަނޑައެޅި އާ ސަފީރު އިބްރާހިމް އުވައިސް، ޖަޕާނުގެ އެމްޕެރާ އަކިހީޓޯއަށް ސަފީރުކަމުގެ ފަތްކޮޅު އަރުވައިފިއެވެ.

އިއްޔެ ހެނދުނު ޓޯކިޔޯ އިމްޕީރިއަލް ޕެލަސްގައި އޮތް ރަސްމިއްޔާތުގައި އުވައިސްގެ އަރިހުގައި ޖަޕާނުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ފަސްޓް ސެކްރެޓަރީ އާދަމް ހާމިދުއާއި ސެކަންޑް ސެކްރެޓަރީ މުހައްމަދު ތަހުސީނު ބައިވެރިވެވަޑައިގަތެވެ.

މި ރަސްމިއްޔާތުގައި ޖަޕާނުގެ މިނިސްޓާ އޮފް ޑިފެންސް އިސުނޯރީ އޮނޮޑޭރާއާއި އިމްޕީރިއަލް ހައުސްހޯލްޑްގެ ގްރޭންޑް މާސްޓަރު އޮފް ސެރެމޮނީސް ޔޮޝިޓަކާ އަކިމޮޓޯ ބައިވެރިވެވަޑައިގަތެވެ.

ޖަޕާނަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަ ސަފީރުގެ މަގާމު އެންމެ ފަހުން އަދާކުރެއްވީ މިހާރު ލަންކާގައި ހުންނަވާ ދިވެހި ސަފީރު މުހައްމަދު ހުސައިން ޝަރީފެވެ.

އުވައިސްއަކީ ދިވެހިރާއްޖެއިން ޖަޕާނަށް ކަނޑައެޅުއްވި ހަތަރުވަނަ ސަފީރެވެ.

ރާއްޖޭގެ އެމްބަސީއެއް ޖަޕާނުގައި ހުޅުވުނީ 10 މެއި 2007 ގައެވެ. ފުރަތަމަ ސަފީރުކަން ކުރެއްވި އަބްދުލްހަމީދު ޒަކަރިއްޔާއެވެ. އަދި ދެވަނައަށް ސަފީރުކަން ކުރެއްވީ ފޮރިން މިނިސްޓްރީގައި މިހާރު ސެކްރެޓަރީ ބައިލެޓަރަލްގެ މަގާމު އަދާކުރައްވާ އަހްމަދު ޚަލީލްއެވެ.

ރާއްޖެއާއި ޖަޕާނާ ދެމެދުގައި ސިޔާސީ ގުޅުން ގާއިމު ކުރިތާ 50 އަހަރު ފާހަގަކުރުމުގެ މުނާސަބަތާ ގުޅޭ ހަރަކާތްތަކެއް ވޭތުވެދިޔަ އަހަރާއި މިއަހަރުގެ ކުރީކޮޅު މާލެ އަދި ޓޯކިޔޯގައި ވަނީ ބާއްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް