ވިސާގެ މައްސަލަ ހައްލުކޮށްދޭން އިންޑިއާއިން ރަސްމީކޮށް އެދިއްޖެ

އިންޑިއާ ރައްޔިތުންނަށް ރާއްޖޭގައި މަސައްކަތް ކުރުމަށް ވިސާ އާއި ވޯކް ޕާމިޓް ދޫނުކުރާ މައްސަލަ ހައްލުކޮށްދިނުމަށް އިންޑިއާ ސަރުކާރުން ރަސްމީކޮށް ދިވެހި ސަރުކާރުގައި އެދިއްޖެ އެވެ. މިކަމަށް އެދިފައިވަނ...

20 Jun 2018 | 07:32

އިންޑިއާ ރައްޔިތުންނަށް ރާއްޖޭގައި މަސައްކަތް ކުރުމަށް ވިސާ އާއި ވޯކް ޕާމިޓް ދޫނުކުރާ މައްސަލަ ހައްލުކޮށްދިނުމަށް އިންޑިއާ ސަރުކާރުން ރަސްމީކޮށް ދިވެހި ސަރުކާރުގައި އެދިއްޖެ އެވެ.

މިކަމަށް އެދިފައިވަނީ އިންޑިއާގެ ފޮރިން މިނިސްޓަރު ސުޝްމާ ސުވަރާޖް ރާއްޖޭގެ ފޮރިން މިނިސްޓަރު ޑރ މުހައްމަދު އާސިމްއަށް ފޮނުވި ސިޓީއެއްގައި އެވެ. މިކަން ހާމަކޮށް އިންޑިއާގެ ދަ ހިންދޫ ނޫހުގައި ބުނެފައިވަނީ ސުޝްމާގެ ފަރާތުން މިނިސްޓަރު އާސިމްއަށް ސިޓީ ފޮނުވީ އެ މައްސަލަ ހައްލު ކޮށްދިނުމަށް އެދި މީގެ ކުރިން ދެ ފަހަރެއްގެ މަތިން ދިވެހި ސަރުކާރުގެ އޮފިޝަލުންނާއި މަޝްވަރާ ކުރުމަށް ފަހު ކަމަށެވެ.

އެގައުމުގެ ނޫސްތަކުގައި ރިޕޯޓުކޮށްފައިވާގޮތުގައި މިދިޔަ ފެބްރުއަރީ މަހުން ފެށިގެން ރާއްޖެއިން ވިސާ ދޫކުރުމުގައި ދަތިކުރުމުގެ ފިޔަވަޅު އެޅުމުން 2،000 އަށް ވުރެ ގިނަ އިންޑިއާ މީހުންނަށް ރާއްޖެ ނާދެވިފައި އެބަ ތިއްބެވެ. އެކަމަކު ރާއްޖޭގެ އިމިގްރޭޝަނުން ބުނަމުންދަނީ އެއްވެސް ގައުމަކަށް ވިސާ ނުދީ ހިފަހައްޓަމުން ނުދާ ކަމަށެވެ.

ވިސާ މައްސަލައިގައި އިންޑިއާ އިން ކަންބޮޑުވުންފާޅުކުރަމުން އަންނައިރު، އެ ގައުމުގައި ދިރިއުޅޭ ދިވެހިންނަށް ވިސާ ނުދީ ދަތިކުރަމުންދާ ކަމުގެ ޝަކުވާ ވެސް ވަނީ ބޮޑުވެފަ އެވެ.

އިންޑިއާ ރައްޔިތުންނަށް ވިސާ ނުލިބޭ މައްސަލަ ބޮޑުވުމާއި ގުޅިގެން މީގެ ކުރިން ޓްރިވަންޑްރަމް ކޮންސިއުލޭޓުގެ މަގާމުގައި ހުންނެވި އަދި މިހާރު އިސްލާމިކް މިނިސްޓްރީގެ އަލީ އާދަމް ވިދާޅުވީ ދިވެހިންނަށްވެސް އިންޑިއާއިން ހަމައެފަދަ ފިޔަވަޅުތައް އަޅާކަމަށެވެ. އަދި ދިވެހިންނަށް ވިސާގެ ދަތިކަން ކުރިމަތިވެގެން އެކަން ހުށަހެޅުމުން އިންޑިއާ ސަރުކާރުން އަޅައި ނުލި ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް