ގާސިމާއި ނަޝީދު ފުލުހަށް ހާޒިރުވުމަށް ޓްވިޓާ މެދުވެރިކޮށް ޗިޓު ފޮނުވައިފި

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް ކޮށްފައިވާ ޖަލު ހުކުމަށް ފިއްލަވައިގެން އުޅުއްވާތީ، އެ ދެ ބޭފުޅުން ފުލުސް އޮފީހަށް ހާޒިރުވާން އަންގައި ޗިޓު ފޮނުވައިފި އެވެ...

20 Jun 2018 | 06:45

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް ކޮށްފައިވާ ޖަލު ހުކުމަށް ފިއްލަވައިގެން އުޅުއްވާތީ، އެ ދެ ބޭފުޅުން ފުލުސް އޮފީހަށް ހާޒިރުވާން އަންގައި ޗިޓު ފޮނުވައިފި އެވެ.

ތިން އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވި ގާސިމާއި 13 އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވި ނަޝީދު ފިއްލަވައިގެން އުޅުއްވާ މައްސަލާގައި އެ ދެބޭފުޅުން ފުލުސް އޮފީހަށް ހާޒިރުވާން ޗިޓު ފޮނުވާފައި ވަނީ ޓުވިޓާ މެދުވެރިކޮށެވެ. ފުލުހުން ވަނީ ޓުވިޓާ މެދުވެރިކޮށް، ނަޝީދާއި ގާސިމްގެ ޗިޓު އެ ދެ ބޭފުޅުންނަށް ޓެގްކޮށްފަ އެވެ.

ބޭސްފަރުވާ އަށް އިނގިރޭސި ވިލާތަށް ވަޑައިގެންނެވި ގޮތަށް އެ ގައުމުން ހިމާޔަތް ހޯއްދަވައިގެން އުޅުއްވާ ނަޝީދު، ފުލުސް އޮފީހަށް ހާޒިރުވާން އަންގާފައި ވަނީ އަންނަ ހަފުތާގެ ހޯމަ ދުވަހުގެ ހެނދުނު 10:00 އަށެވެ. ބޭސްފަރުވާ އަށް ސިންގަޕޫރަށް ވަޑައިގެންނެވި ގޮތަށް، ފަހުން ޖަރުމަނަށް ވަޑައިގެން އެ ގައުމުން ހިމާޔަތް ހޯއްދަވައިގެން އެ ގައުމުގައި ދިރިއުޅުއްވާ ގާސިމް ފުލުސް އޮފީހަށް ހާޒިރުވާން ޖެހެނީ ހޯމަ ދުވަހުގެ މެންދުރު 2:00 އަށެވެ.

ދެ ބޭފުޅުން ވެސް ހާޒިރުކުރާ ސަބަބެއް ކަމަށް ޗިޓުގައި ބުނެފައި ވަނީ ރާއްޖެ އިން ބޭރަށް ބޭސްފަރުވާ އަށް ފޮނުވައި، އެކަމަށް ދިން މުއްދަތު ހަމަވުމުން، އެނބުރި ރާއްޖެ ވަޑައިނުގެން ހުކުމަށް ފިއްލަވައިގެން އުޅުއްވުން ކަމަށެވެ. އަދި، ނަޝީދާއި ގާސިމް ހާޒިރު ކުރަނީ އެ މައްސަލަ ތަހުގީގުކޮށް ބަޔާން ނެގުމަށް ކަމަށް ވެސް ޗިޓުގައި ވެ އެވެ.

އެ ދެ ބޭފުޅުން ރާއްޖެ އިން ބޭރުގައި ތިއްބަވައިގެން ގެންދަވަނީ ސިޔާސީ އިދިކޮޅު ހަރަކާތް ހިންގަވަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް