އައްޑޫ މީހުން އަތުން ނެގި ގޯތިތައް އަންނަ ހަފްތާގައި ހަވާލު ކުރަނީ

އެމްޑީޕީގެ ވެރިކަމުގައި އައްޑޫ ސިޓީގައި ކޮންވެންޝަން ސެންޓަރު އެޅުމަށް އެ ސަރަހައްދުން ސަރުކާރަށް ނެގި އަމިއްލަ މީހުންގެ ގޯތިތައް ހަވާލު ކުރަން ފަށަން ނިންމައިފި އެވެ. ހައުސިން މިނިސްޓަރު ޑރ މުހައްމަދ...

20 Jun 2018 | 03:55

އެމްޑީޕީގެ ވެރިކަމުގައި އައްޑޫ ސިޓީގައި ކޮންވެންޝަން ސެންޓަރު އެޅުމަށް އެ ސަރަހައްދުން ސަރުކާރަށް ނެގި އަމިއްލަ މީހުންގެ ގޯތިތައް ހަވާލު ކުރަން ފަށަން ނިންމައިފި އެވެ.

ހައުސިން މިނިސްޓަރު ޑރ މުހައްމަދު މުއިޒު ވިދާޅުވީ އަންނަ ހަފްތާގައި އެ ގޯތިތައް ވެރި ފަރާތްތަކާއި ހަވާލު ކުރަން ފަށާނެ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ އެގޮތަށް ނިންމެވީ ރައީސް އަބްދުﷲ ޔާމީން ކަމަށެވެ.

އެ ސަރަހައްދުން ސަރުކާރަށް ނެގި ގޯތިތައް އަނބުރާ އެމީހުންނަށް ދޭން ނިންމައި އެކަން އިއުލާނު ކުރެއްވީ މިއަހަރުގެ ފެބްރުއަރީ މަހު ރައީސް ޔާމީން އައްޑޫ ސިޓީއަށް ކުރެއްވި ކެމްޕެއިން ދަތުރުފުޅެއްގައި އެވެ. އެ ދުވަހު ވިދާޅުވެފައިވަނީ ވަރަށް އަވަހަށް އެ ގޯތިތައް ހަވާލުކޮށް ނިންމާނެ ކަމަށެވެ.

ކޮންވެންޝަން ސެންޓަރު ހުރި ސަރަހައްދުން ސަރުކާރަށް ނެގި ގޯތިތައް އަނބުރާ ދޭން ނިންމި އިރު އެ ސެންޓަރު އަޅާފައިވަނީ އޭގެން ބައެއް ގޯތިތަށް ހުރި ބިންތަކުގައި އެވެ. އެހެން ކަމުން އެ ފަރާތްތަކަށް އެހެން ސަރަހައްދުތަކުން ގޯތި ދެނީކަމެއް އަދި ހާމައެއް ނުކުރެ އެވެ.

ކޮންވެންޝަން ސެންޓަރަކީ ބޭނުން ކުރެވޭ ތަނަކަށް ހެދުމުގެ ގޮތުން ރައީސް ޔާމީންގެ ސަރުކާރުން ގެންދަނީ އެ ތަނުގައި 100 އެނދުގެ ޓާޝިއަރީ ހޮސްޕިޓަލެއް ހަދަމުންނެވެ. ހެލްތް މިނިސްޓްރީން ބުނެފައިވަނީ އެ މަސައްކަތުގެ ބޮޑުބައި މިހާރު ނިމިފައިވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް