އިޒްރޭލުގެ ހައްގުގައި އެމެރިކާއިން އދ ގެ ހިއުމަން ރައިޓްސް ކައުންސިލުން ވަކިވެއްޖެ

އދގެ ހިއުމަން ރައިޓްސް ކައުންސިލުން ކަންކަން ނިންމުމުގައި އިޒްރޭލާއި ދެކޮޅަށް ފާޅުގައި އަމަލުކުރާ ކަމަށާއި ވަކި އެ ކައުންސިލް އިޒްރޭލު މައްސަލައިގާ ވަކި އަތަކަށް ޖެހިފައިވާކަމަށްބުނެ އެމެރިކާއިން އދގެ...

19 Jun 2018 | 22:44

އދގެ ހިއުމަން ރައިޓްސް ކައުންސިލުން ކަންކަން ނިންމުމުގައި އިޒްރޭލާއި ދެކޮޅަށް ފާޅުގައި އަމަލުކުރާ ކަމަށާއި ވަކި އެ ކައުންސިލް އިޒްރޭލު މައްސަލައިގާ ވަކި އަތަކަށް ޖެހިފައިވާކަމަށްބުނެ އެމެރިކާއިން އދގެ ހިއުމަން ރައިޓްސް ކައުންސިލުން ވަކިވެއްޖެ އެވެ.

މުރާސިލުން ސިފަކުރާގޮތުގައި އެމެރިކާގެ މި ނިންމުމަކީ އިންސާނީ ހައްގުތަކަށް ވަކާލާތު ކުރުމުގައި ގޮންޖެހުންތަކެއް ކުރިމަތި ކުރުވާނެ ނިންމުމެކެވެ.

އދ އަށް އެމެރިކާއިން ކަނޑައަޅާފައި ހުންނަ އެމްބެސެޑަރު ނިކީ ހާލޭ ބުނެފައިވަނީ އެ ކައުންސިލު ހަރުދަނާ ކުރުމަށް އެމެރިކާއިން ކުރަމުން އަންނަ މަސައްކަތްތަކަށް ރަޝިޔާ، ޗައިނާ، ކިއުބާ އަދި މިސްރުން ފާޅުގައި ހުރަސް އަޅަމުން އަންނަ ކަމަށެވެ. އަދި ފާޅުގައި އިޒްރޭލާއި ދެކޮޅަށް އެ ގައުމުތަކުން ވަކާލާތު ކުރަމުން އަންނަ ކަމުގައިވެސް ހާލޭ ތުހުމަތު ކޮށްފައި ވެ އެވެ.

އެމެރިކާ އެ ކައުންސިލުން ވަކިވެފައިވާއިރު އެ ކައުންސިލަކީ އޯވާހޯލް ކުރަން ޖެހިފައިވާ ކައުންސިލެއް ކަމުގައި މީގެ ކުރިން އެމެރިކާއިން ބުނެފައި ވެ އެވެ. އދގެ އެ ކައުންސިލްގައި އެމެރިކާއަށް މި ދައުރުގައި އަދި ދޮޅު އަހަރު އެބަ އޮތެވެ.

އެމެރިކާއިން އދ ގެ ހިއުމަން ރައިޓްސް ކައުންސިލުން ވަކިވެފައިމިވަނީ މެކްސިކޯ ބޯޑަރުގައި، އެމެރިކާއަށް ހިޖުރަކުރަން މަސައްކަތްކުރާ އާއިލާތަކުގެ ކުޑަކުދިން އެ ކުދިންގެ އާއިލާ މެމްބަރުންނާއި ވަކިކުރާކަމުގެ ތުހުމަތުތަކާއި އެކަމުގެ އެކަމުގެ އަޑުތައް ގަދަވެފައިވާ ދަނޑިވަޅެއްގައި އެވެ.

މި ނިންމުމާއެކު ހާލޭ އިތުރަށް ބުނެފައިވަނީ އދގެ ހިއުމަން ރައިޓްސް ކައުންސިލުން ވަކިވި ނަމަވެސް އިންސާނީ ހައްގުތަކަށް ވަކާލާތު ކުރުން އެމެރިކާއިން ހުއްޓައިނުލާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް