ވީޑިއޯ ގޭމަށް ދެވިހިފުމަކީ ނަފްސާނީ ބައްޔެއް ކަމުގައި ޑަބްލިއުއެޗްއޯއިން ބަލައިގެންފި

މާގިނައިން ވީޑިއޯ ގޭމް ކުޅެ، ގޭމްތަކަށް ދެވި ހިފުމަކީ ފަރުވާ ހޯދަން ޖެހޭ ނަފްސާނީ ބައްޔެއް(މެންޓަލް ހެލްތު ޑިސޯޑާ) ކަމުގައި އދގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯއިން ބަލައިގެންފި އެވެ. އދ ގެ ސިއްހަތު ...

19 Jun 2018 | 22:17

މާގިނައިން ވީޑިއޯ ގޭމް ކުޅެ، ގޭމްތަކަށް ދެވި ހިފުމަކީ ފަރުވާ ހޯދަން ޖެހޭ ނަފްސާނީ ބައްޔެއް(މެންޓަލް ހެލްތު ޑިސޯޑާ) ކަމުގައި އދގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯއިން ބަލައިގެންފި އެވެ.

އދ ގެ ސިއްހަތު ޖަމިއްޔާއިން މިކަން ބަލައިގަނެ އެ ޖަމިއްޔާގެ ރެފެރެންސް ލިސްޓުގައި މިކަން ހިމަނާފައިމިވަނީ އެންމެ ފަހުން ޝާއިޢު ކުރި ބައިނަލްއަގްވާމީ ބަލިތަކުގެ ލިސްޓް (އިންޓަނޭޝަނަލް ކްލެސިފިކޭޝަން އޮފް ޑިޒީޒަސް – އައިސީޑީ) ގައި ވީޑިއޯ ގޭމަށް ދެވިހިފުމަކީ ނަފްސާނީ ބައްޔެއްގެ ގޮތުގައި ހިމަނާފައި ވުމުންނެވެ.

އަސީޑީ އަކީ ފާއިތުވި 10 އަހަރު ގަވާއިދުން ޝާއިޢު ކުރަމުން އަންނަ، އޭގައި 55 ހާހަށްވުރެ ގިނަ ބައްޔާއި ފަރުވާ ދޭންޖެހޭ ހާލަތްތައް ހިމަނާފައިވާ ލިސްޓެކެވެ. މި ލިސްޓަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޑަކުޓަރުންނާއި ހެލްތު އެކްސްޕާޓުން ރެފެރެންސްގެ ގޮތުގައި ބަލަމުން އަންނަ ލިސްޓެކެވެ.

މި އަހަރު ނެރެފައިވަނީ އެ ލިސްޓުގެ 11 ވަނަ އަދަދެވެ. އައިސީޑީ-11 ގެ ނަމުގައި ނެރުނު އައު ލިސްޓް މިފަހަރު ނެރެފައިވަނީ އޮންލައިން ކޮށެވެ.

މި ލިސްޓުގައި ވީޑިއޯ ގޭމަށް ދެވިހިފުމަކީ ނަފްސާނީ ބައްޔެއްގެ ގޮތުގައި ބަލައިގަނެފައިވާއިރު ޒުވާން ޖީލު ވީޑިއޯގޭމަށް އެޑިކްޓްވުން އިތުރު ވަމުން އަންނަ ކަމުގައި ދިރާސާތަކުން ދައްކާފައި ވެ އެވެ. އަދި އުމުރުން ދެ އަހަރުގައި ކުޑަކުދިން ފޯނުން ގޭމް ކުޅެން ފަށާ ކަމަށާއި ފަސް އަހަރުގައި ވީޑިއޯ ގޭމް ކޮންސޯލް ބޭނުންކޮށްގެން ގޭމް ކުޅެން ފަށާކަމަށްވެސް ދިރާސާތަކުން ދައްކާފައި ވެ އެވެ. މީގެ އިތުރުން އެކުދިން ސްކްރީން ކުރިމަތީގައި ގިނަ ވަގުތު ހޭދަކުރުމުން ސިއްހީގޮތުން އެތައް ގެއްލުމެއް ލިބޭކަމުގައިވެސް ދިރާސާތަކުން ދައްކާފައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް