ތ. ބުރުނީގެ އިރުވައިކޮޅުން ދަނޑުވެރިކަން ކުރުމަށް ބިން ދޫކުރަން އެރަށު ކައުންސިލުން ނިންމައިފިއެވެ.
އެރަށު ކައުންސިލުން ނެރެފައިވާ އިއުލާނެއްގައި ބުނެފައި ވަނީ، ދޫކުރަން ހަމަޖެހިފައި ވަނީ ދަނޑުވުވެރިކަން ކުރުމަށް ބިންދޫކުރާ ސަރަހައްދުން 26 ބިން ކަމުގައެވެ. މިއިން ކޮންމެ ބިމެއްގެ ބޮޑުމިނުގައި 4000 އަކަފޫޓު ހުންނާނެ ކަމަށާއި، ބިމެއް 5 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރަން ނިންމާފައި ވާކަމަށްވެސް އެ އިއުލާނުގައި ވެއެވެ.
އެ ކައުންސިލުން ބިމަށް ކަނޑައަޅާ ކުލީގެ އަގަކީ އަކަފޫޓަކަށް 0.05 ( ސުމެއް ޕޮއިންޓް ސުމެއް ފަހެއް ލާރި ) އެވެ.
މީގެ އިތުރުން، ބިން ދޫކުރުމާއި ބެހޭގޮތުން މައުލޫމާތު ދިނުމުގެ ބައްދަލުވުމެއް ބާއްވަން ވެސް އެ ކައުންސިލުން ވަނީ ނިންމާފައެވެ. އެގޮތުން 26 މޭ 2019 ވާ އާދިއްތަ ދުވަހުގެ 10:15 ގައި ބުރުނީ ކައުންސިލް އިދާރާގައި ބައްދަލުވުން އޮންނާނެ ކަމަށާއި، ޕްރޮޕޯޝަލް ބަލައިގަތުން 30 މޭ 2019 ވާ ބުރާސްފަތި ދުވަހުގެ 10:15 ގައި އޮންނާނެ ކަމަށްވެސް އެ ކައުންސިލްގެ އިއުލާނުގައި ބަޔާންކޮށްފައި ވެއެވެ.
ބިންދޫކުރުމާބެހޭ ގޮތުން ބާއްވާ ބައްދަލުވުމުގައި ބައިވެރިނުވާ ފަރާތްތަކުން ވެސް މިކަމަށް ޝައުގުވެރިވާނަމަ ޕްރޮޕޯޝަލް ހުށަހެޅުމުގެ ފުރުސަތު އޮތް ކަމަށް އެކައުންސިލުން މައުލޫމާތު ދެއެވެ. އަދި މައުލޫމާތު ދިނުމުގެ ބައްދަލުވުމާއި ޕްރޮޕޯޝަލް ހުށަހެޅުމަށް، ޕްރޮޕޯސަލް ހުށަހަޅާފަރާތް ބައިވެރިވެވެން ނެތް ހާލަތްތަކުގައި ބަދަލުގައި އެހެން ފަރާތެއް ފޮނުވާނަމަ، އެފަރާތެއް އައްޔަންކޮށްފައިވާކަން އެނގޭނެ ރަސްމީ ލިޔުމެއް، އައިޑީކާޑުގެ ކޮޕީއާއެކު ހުށަހަޅަންވާނެ ކަމަށް ވެސް ބަޔާންކޮށްފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް