ރ. ދުވަފަރުން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރު ކޮއްފިއެވެ.
ރ. ދުވާފަރު ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި ދުވާފަރުން މަސްތުވާތަކެއްޗާއެކު ހައްޔަރު ކޮއްފައިވަނީ 40 އަހަރުގެ ދިވެހި ފިރިހެނެކެވެ.
މި މީހާ ހައްޔަރު ކޮއްފައިވަނީ މާލެއިން ދުވާފަރަށް ދަތުރުކުރަމުންދާ ލޯންޗަކުން މަސްތުވާތަކެތި ގެންނަ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ.
މެއި 19 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި އެ ލޯންޗް ދުވާފަރު ބަނދަރާއި ގާތްކުރުމުން މި މީހާ ފުލުހުންގެ ބެލުމުގެ ދަށަށަ ގެންގޮސް އެ ލޯންޗް ބަލާ ފާސްކުރިއިރު ލޯންޗުގައި އިން ކަރުދާސް ފޮށިގަނޑެއްގެ ތެރެއިން، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް އަޅާފައި ހުރި 77 ރަބަރު ޕެކެޓު ފެނިފައިވެއެވެ.
މިމައްސަލައިގައި ހައްޔަރުކޮށްފައިވާ މި މީހާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ރ. ދުވާފަރު މެޖިސްޓްރޭޓް ކޯޓަށް ވަނީ ހާޒިރު ކޮއްފައެވެ. ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް ފަސް ދުވަހުގެ މުއްދަތު ވަނީ ދީފައިވެއެވެ.
މި މައްސަލަ މިހާރު ދުވާފަރު ޕޮލިސް ސްޓޭޝަނުން ދަނީ ތަހުޤީޤު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް