ކ. ކާށިދޫއިން މަސްތުވާތަކެއްޗާއެކު ތިން މީހަކު ހައްޔަރު ކޮއްފި

ކ. ކާށިދޫއިން މަސްތުވާތަކެއްޗާއެކު ތިން މީހަކު ހައްޔަރު ކޮއްފިއެވެ. މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކ. ކާށިދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި، މަސްތުވ...

20 May 2019 | 08:20

ކ. ކާށިދޫއިން މަސްތުވާތަކެއްޗާއެކު ތިން މީހަކު ހައްޔަރު ކޮއްފިއެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކ. ކާށިދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި، މަސްތުވާތަކެއްޗާއެކު ހައްޔަރު ކޮއްފައިވަނީ 21 އަހަރުގެ މީހަކާއި، 27 އަހަރުގެ މީހަކާއި 37 އަހަރުގެ މީހެކެވެ.

ކާށިދޫ ފަޅު ގެއެއްގައި މަސްތުވާތަކެތި ބޭނުން ކުރަމުންދާކަމަށް ފުލުހުންނަށް މައުލޫމާތު ލިބުމުން 18 މެއި ވަނަ ދުވަހުގެ ހަވީރު ހިންގި އޮޕަރޭޝަނުގެ ތެރެއިން މި ތިން މީހުން ތިބި ތަން ބަލާފާސްކުރިއިރު  މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލާގައި ހައްޔަރު ކޮއްފައިވާ ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކ. ކާށިދޫ މެޖިސްޓްރޭޓް ކޯޓަށް ވަނީ މި ތިން މީހުން ހާޒިރުކޮއްފައެވެ. އެގޮތުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 27 އަހަރުގެ މީހާ އަށް ހަތް ދުވަހުގެ މުއްދަތެއް ދީފައިވާއިރު 21 އަހަރުގެ މީހާއާއި 37 އަހަރުގެ މީހާ ބަންދުގައި ބެހެއްޓުމަށް 10 ދުވަހުގެމުއްދަތެއް ދީފައިވެއެވެ.

މިމައްސަލަ މިހާރު ކ. ކާށިދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް