ފިނިފެންމާ ލޯންޗް މައްސަލާގައި އަދީބަށް އިއްވާ ހުކުމް ހައިކޯޓުން ބާތިލު ކޮއްފި

ފިނިފެންމާ ލޯންޗުގައި އެއްޗެއް ގޮއްވާލި މައްސަލާގައި އަހުމަދު އަދީބުގެ މައްޗަށް އިއްވި ހުކުމް ހައިކޯޓުން ބާތިލްކޮށްފިއެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން އިންނަވަނިކޮށް ފިނިފެންމާ ލޯންޗްގައި އެއްޗެއް ގޮ...

20 May 2019 | 07:22

ފިނިފެންމާ ލޯންޗުގައި އެއްޗެއް ގޮއްވާލި މައްސަލާގައި އަހުމަދު އަދީބުގެ މައްޗަށް އިއްވި ހުކުމް ހައިކޯޓުން ބާތިލްކޮށްފިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އިންނަވަނިކޮށް ފިނިފެންމާ ލޯންޗްގައި އެއްޗެއް ގޮއްވާލި މައްސަލާގައި ދައުލަތުން ދައުވާ އުފުލާފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އޭނާގެ ދެ ބޮޑީގާޑުންގެ މައްޗަށް ކުށް ސާބިތުވެފައިވާ ކަމަށް ކަނޑައަޅައި ކްރިމިނަލް ކޯޓުން ވަނީ 15 އަހަރުގެ ޖަލު ހުކުމެއް ކަނޑައަޅާފައެވެ.

އެ ހުކުމް ބާތިލުކޮށް އެ މައްސަލަ އަލުން ބެލުމަށް ކްރިމިނަލް ކޯޓުގެ މައްޗަށް މިއަދު ހައިކޯޓުން ވަނީ އަމުރުކޮއްފައެވެ. އަދި އެ މައްސަލަ ބެލުމަށް 15 ދުވަހަށް ރިމާންޑް ޖަލެއްގައި އަދީބު ބަންދުކުރުމަށްވެސް ހައިކޯޓުން އަމުރު ކޮއްފައިވާއިރު އެ މުއްދަތުގައި ތަހުގީގު ނުނިމިއްޖެނަމަ އަދި އިތުރަށް ބަންދުކުރަންޖެހޭނަމަ ބަންދާއި މެދު ގޮތެއް ނިންމުމަށް ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފީހުން ހުށައެޅުމަށްވެސް ހައިކޯޓްގެ ނިންމުމުގައި ބުނެފައިވެއެވެ.

ހައިކޯޓުން ނިންމި މައްސަލާގައި ބުނެފައިވަނީ ކްރިމިނަލް ކޯޓުގެ ނިންމުން ބާތިލު ކޮއްފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ އެއްވަނަދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ބައެއް މައްސަލަތައް ގާނުނު އަސާސީއާއި ހިލާފަށް އަދި އެކަށީގެންވާ ފުރުސަތު ނުދީ ހިންގާފައިވާކަން ފާހަގަކޮށްފައިވެއެވެ.

އަދި އެ ފަދަ މައްސަލަތުގެ ތެރޭގައި ފިނިފެންމާ ލޯންޗްގައި އެއްޗެއް ގޮއްވާލި މައްސަލަ ހިމެނޭކަންވެސް ހައިކޯޓްގެ ހުކުމްގައި ފާހަގަކޮށްފައިވެއެވެ.

މި މައްސަލާގައި ދެ ބޮޑީގާޑުން ޖަލަށް ލުމަށް ހުކުމް ކޮއްފައިވަނީ 10 އަހަރަށެވެ. އަދި މި ދެ ބޮޑީގާޑުން ކަމަށްވާ އަހްމަދު އާމިރު އާއި އަހްމަދު ރިކާޒް ވަނީ މިއަހަރު ކުރީކޮޅު ވަގުތީ ގޮތުން ގޭ ބަންދަށް ބަދަލު ކޮއްފައެވެ. އަދީބުގެ އިތުރުން މި ދެ ބޮޑީގާޑުންނަށް އިއްވާފައިވާ ހުކުމް ވެސް ވަނީ ބާތިލު ކޮއްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް