ގަވާއިދާ ހިލާފަށް މަގުމައްޗަށް ކުނިއަޅައިގެން 17 މީހަކު ޖޫރިމަނާ ކޮށްފައިވާ ކަމަށް ފުލުހުންގެ އެންވަރަމަންޓް ޕޮލިހުން އާންމުކުރި މިދިޔަ ހަފްތާގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ފުލުހުން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، މަގުމައްޗަށް ކުނި އަޅައިގެން ޖުމްލަ 75 މީހަކަށް އަނގަ ބަހުން ވަނީ ނަސޭހަތްތެރިވެފައެވެ. މީގެ އިތުރުން ގަވާއިދާ ހިލާފަށް މަގުމަތީގައި ކުނި ބަހައްޓާފައިވާ 75 ތަނަކަށް ފުލުހުން ވަނީ ވަދެފައެވެ.
އެގޮތުން 23 ގެއަކާއި، 26 ފިހާރައާއި، 10 ކެފޭ ހިމެނެއެވެ. އަދި 14 ކޮންސްޓްރަކްޝަން ސައިޓާއި، 2 އޮފީހަކަށްވެސް ވަދެފައި ވާކަމަށް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައެވެ.
މަގުމައްޗަށް ކުނިއަޅައިގެން ފުލުހުންނަށް ފާހަގަކުރެވިފައިވާ މައްސަލަތަކުގެ ތެރެއިން 61 މައްސަލައެއް ހައްލުކުރެވިފައި ވާކަމަށް ތަފާސް ހިސާބުތަކުން ދައްކާއިރު، އޭގެތެރެއިން 14 މައްސަލައެއް އަދިވެސް ހައްލުނުވެއެވެ.
މީގެ އިތުރުން، މިދިޔަ ހަފްތާގެ ތެރޭގައި މަނާ ސަރަހައްދުތަކުގައި ދުންފަތުގެ އިސްތިއުމާލު ކޮށްގެން 19 މީހަކު ވަނީ ޖޫރިމަނާކޮށްފައެވެ.
މިދިޔަ ހަފްތާގެ ތަފާސް ހިސާބުތައް ބަލާފައިވަނީ މިމަހުގެ 11 އިން މިމަހުގެ 17 ގެ ނިޔަލަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް