އުރީދޫ އާއި މާލޭ ސިޓީ ކައުންސިލް ގުޅިގެން ބިދޭސީންނަށް ރޯދަވީއްލުމެއް

މުވާސަލާތީ ކުންފުނި އުރީދޫ މޯލްޑިވްސް އަދި މާލޭ ސިޓީ ކައުންސިލް ގުޅިގެން ބިދޭސީންނަށް ރޯދަވީއްލުމެއް ދީފިއެވެ. މާލޭ ސިޓީ ކައުންސިލްގެ ހުސް ބިމުގައި އިއްޔެ ބޭއްވި މި ރޯދަވީއްލުމުގައި 200 އަށްވުރެ ގިނަ ...

19 May 2019 | 19:19

މުވާސަލާތީ ކުންފުނި އުރީދޫ މޯލްޑިވްސް އަދި މާލޭ ސިޓީ ކައުންސިލް ގުޅިގެން ބިދޭސީންނަށް ރޯދަވީއްލުމެއް ދީފިއެވެ.

މާލޭ ސިޓީ ކައުންސިލްގެ ހުސް ބިމުގައި އިއްޔެ ބޭއްވި މި ރޯދަވީއްލުމުގައި 200 އަށްވުރެ ގިނަ ބިދޭސީން ބައިވެރިވެފައިވާއިރު 2017 ވަނަ އަހަރުން ފެށިގެން އުރީދޫން އަންނަނީ ކޮންމެ ރަމަޟާން މަހަކު ބިދޭސީންނަށް ހާއްސަ ރޯދަވީއްލުމެއް ދެމުންނެވެ.

އިއްޔެ ބޭއްވި މި ރޯދަވީއްލުމުގައި ބައިވެރިވި ބިދޭސީންނަށް އުރީދޫގެ ހާއްސަ ހަދިޔާއެއްގެ ގޮތުގައި ކޮންމެ ބިދޭސީއަކަށް މުންޑެއް ހަދިޔާ ކޮށްފައިވެވެ. މި ރޯދަވީއްލުން އިންތިޒާމު ކުރުމުގައި ހަބޭސް ބޮޑުބެރު ގްރޫޕުން އުރީދުއާއި މާލެ ސިޓީ ކައުންސިލަށް އެހީތެރިކަން ފޯރުކޮށްދީފައިވެއެއެވެ.

މި ރޯދަވީއްލުމުގެ ކަންކަން ބައްލަވާލެއްވުމަށްފަހު މާލޭ ސިޓީގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވީ އެންމެ ބުރަކޮށް މަސައްކަތްކުރާ ލޭބަރުންނަށް ރޯދަވީއްލުމެއް ދެއްވީތީ އުރީދޫއަށް ހާއްސަ ޝުކުރެއް ދަންނަވާކަމަށާއި މާލޭ ސިޓީއަކީ 24 ގަޑިއިރު ހުއްޓުމެއްނެތި މަސައްކަތް ކުރުން އޮންނަ ސިޓީއެއް ކަމުގައިވާއިރު އުރީދޫގެ ރޯދަވީއްލުމުން އެ ލޭބަރުންގެ މޫނުމައްޗަށް ހިނިތުންވުން ގެނުވައިފި ކަމަށެވެ.

އުރީދޫގެ ޑިރެކްޓަރ އޮފް ސޭލްސް އެންޑް ބްރޭންޑް ހުސެއިން ނިޔާޒް ވިދާޅުވީ ރޯދަ މަހަކީ އެންމެ އެއްބައިވެގެން އުޅެންޖެހޭ މައްސަރެއް ކަމަށާއި އުރީދޫގެ ފަރާތުން ބިދޭސީންނަށް ދިން ރޯދަ ވީއްލުމަކީ އެމީހުންގެ ބުރަ މަސައްކަތާއި ރާއްޖެއަށްޓަކައި ކޮށްފައިވާ މަސައްކަތުގެ އަގު ވަޒަންކޮށްދިނުމުގެ ގޮތުން ކުރި ކަމެއް ކަމަށެވެ.

މި ރޯދަވީއްލުމުގައި އުރީދޫގެ އިސް ވެރިންނާއި މާލޭ ސިޓީގެ މޭޔަރު ޝިފާ މުހައްމަދުގެ އިތުރުން އެ ކައުންސިލްގެ އިސް ބޭފުޅުން ބައިވެރިވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް