ކުށެއް ސާބިތުވެފައިވާ މީހަކަށް ޕްރައިމަރީގަ ވާދައެއް ނުކުރެވޭނެ: އީސީ

މިއަހަރުގެ ރިޔާސީ އިންތިހާބަށް ކެންޑިޑޭޓަކު ނެރުމަށް ސިޔާސީ ޕާޓީތަކުން ބާއްވާ ރިޔާސީ ޕްރައިމަރީތަކުގައި ކުށެއް ސާބިތުވެފައިވާ މީހަކަށް ވާދަ ނުކުރެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ. އެ ކޮ...

20 May 2018 | 13:22

މިއަހަރުގެ ރިޔާސީ އިންތިހާބަށް ކެންޑިޑޭޓަކު ނެރުމަށް ސިޔާސީ ޕާޓީތަކުން ބާއްވާ ރިޔާސީ ޕްރައިމަރީތަކުގައި ކުށެއް ސާބިތުވެފައިވާ މީހަކަށް ވާދަ ނުކުރެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

އެ ކޮމިޝަނުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ވާދަކުރަން ރިޔާސީ ޕްރައިމަރީ އަށް ވެސް ކުރިމަތިލެވޭނީ ގާނޫނުއަސާސީގައި ބުނާ ޝަރުތުތައް ހަމަވާ މީހުންނަށް ކަަމަށެވެ. އީސީން ބުނީ އެ އުސޫލުތަކާއި ހިލާފަށް ބާއްވާ ޕްރައިމަރީތައް ބާތިލްކުރާނެ ކަމަށެވެ.

އީސީން ބުނީ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ޕްރައިމަރީގައި ބައިވެރިވާ ކެންޑިޑޭޓުންނަކީ ގާނޫނުއަސާސީގެ 109 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް ރައީސް ކަމަށް އިންތިހާބުކުރާ މީހެއްގެ ގައިގައި ހުންނަންވީ ޝަރުތުތައް ހަމަވާ މީހެއްތޯ ޕާޓީތަކުން ކަށަވަރުކުރަން ޖެހޭ ކަމަށެވެ. ގާނޫނުއަސާސީގައި ބުނެފައިވާ ގޮތުގައި، އިންތިހާބަށް ވާދަކުރަނީ، ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް ކުރެވިފައިވާ މީހަކު ނަމަ އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ އެ ހުކުމް ކަނޑައެޅުނު އަދަބު މާފްކުރެވުނުތާ ތިން އަހަރުވެފައިވާ މީހެއް ކަމުގައިވާން ޖެހޭނެ އެވެ.

އިތުރަށް ބުނެފައިވަނީ ރިޔާސީ އިންތިހާބަށް ޕާޓީތަކުން ޕްރައިމަރީއެއް ބާއްވާ ނަމަ، ނުވަތަ ޕްރައިމަރީއަކާ ނުލައި ޓިކެޓް ދޭން ނިންމާ ނަމަ، އެކަން އެ ކޮމިޝަނަށް އަންގަން ޖެހޭނެ ކަމަށެވެ. އަދި ޕާޓީތަކުން ޕްރައިމަރީ ބާއްވާ ނަމަ މި މަހުގެ 21 އާއި އެކެއް ޖުލައި އާއި ދެމެދު ޕްރައިމަރީ ބާއްވައި ވާދަ ކުރާ ކެންޑިޑޭޓުންގެ މައުލޫމާތާއި ޕްރައިމަރީ ބާއްވާ ތާރީހު އަންގަން ވާނެ ކަމަށެވެ.

މީގެ އިތުރުން ޕްރައިމަރީގެ ނަތީޖާ ޖުލައި އަށެއްގެ ކުރިން އީސީއާ ޕާޓީތަކުން ހިއްސާ ކުރަން ޖެހޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.

އީސީން މިގޮތަށް ބަޔާނެއް ނެރެފައިމިވަނީ 13 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީގެ ޕްރައިމަރީގައި ވާދަ ކުރުމަށް ޝަރުތު ހަމަވާކަމަށް އެ ޕާޓީން ނިންމާފައިވަނިކޮށެވެ. އަދި އުމުރުން 65 އަހަރުން މަތީގެ މީހުންނަށް ރައީސް ކަމަށް ކުރިމަތި ނުލެވޭނެ ކަމަށް ގާނޫނުގައި ކަނޑައަޅާފައި ވަނިކޮށް އިދިކޮޅު ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ކަމަށް ނިންމާފައި ވަނިކޮށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް