މިއަހަރުގެ ފިތުރު ޒަކާތް މިއަދު ބަލައިގެންނަން ފަށައިފި އެވެ.
ފިތުރު ޒަކާތް ލަސްނުކޮށް އަވަހަށް ދެއްކުމަށް އިސްލާމިކް މިނިސްޓްރީން އިލްތިމާސް ކޮށްފައިވާއިރު ޒަކާތް ދެއްކުމަށް ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސާފައިވާ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ. އެގޮތުން މާލޭގައި ނަމަ މިނިސްޓްރީ، ހުޅުމާލެ، އަދި ވިލިމާލޭގައި ހުންނަ ހައުސިންގެ ޔުނިޓުތައް، އަދި ރަށު ކއުންސިލްތަކުގެ އިތުރުން އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީގައިވެސް ވަނީ ޒަކާތް ދެއްކޭނެ އިންތިޒާމު ހަމަޖައްސާފަ އެވެ.
މީގެ އިތުރުން ބޭންކް އޮފް މޯލްޑިވްސް، މޯލްޑިވްސް އިސްލާމިކް ބޭންކު، ދިރާގު އަދި އުރީދޫ މެދުވެރިކޮށް ޒަކާތް ދެއްކޭނެ އިންތިޒާމު ވަނީ ހަމަޖައްސާފަ އެވެ. އެގޮތުން ދިރާގާއި އުރީދޫ މެދުވެރިކޮށް އެސްއެމްއެސް މެދުވެރިކޮށް ހިލޭ ޒަކާތް ދެއްކޭނެ އިންތިޒާމު ހަމަޖައްސާފައިވާއިރު، ބީއެމްއެލްގެ އިންޓަނެޓް ބޭންކިން އަދި އެމްއައިބީގެ ފައިސާ މޮބައިލް މެދުވެރިކޮށް ޒަކާތް ދެއްކޭނެ އެވެ.
އެމްއައިބީގެ ހެޑް އޮފީހުންވެސް ޒަކާތް ބަލައިގެންނާނެ އެވެ. އަދި އެމްއައިބީގެ ފައިސާ ޕީއޯއެސް މެޝިނު މެދުވެރިކޮށް އިސްލާމިކް މިނިސްޓްރީއަށް ޒަކާތް ބަލައިގެންނާނެ އެވެ.
ފިތުރުޒަކާތުގެ މިންވަރުގެ ގޮތުގައި ކަނޑައަޅާފައިވަނީ މީހަކަށް 2.4 ކިލޯ ހަނޑުލުގެ މިންވަރެވެ. ކޮންމެ މީހަކުވެސް ޒަކާތް ދައްކަންޖެހޭނީ އެމީހަކު އާއްމުކޮށް ކައިއުޅޭ ހަނޑުލުގެ ބާވަތަކުން 2.4 ކިލޯ ހަނޑުލަށްޖެހޭ މިންވަރަށެވެ.
މާލޭގައި ނަމަ ޒަކާތް ދައްކަން ޖެހެނީ އާދައިގެ ހަނޑުލުންނަމަ މީހަކަށް 13 ރުފިޔާ އެވެ. ތައިލެންޑް ހަނޑުލުންނަމަ 43 ރުފިޔާ އެވެ. ބާސްމަތީ ހަނޑުލުންނަމަ 81 ރުފިޔާ އެވެ. އަތޮޅު ތެރޭގެ ރައްޔިތުން ޒަކާތް ދައްކަން ޖެހޭނީ މި މިންވަރު އެ ސަރަހައްދަކުން ގަންނަން ލިބޭ އަގެވެ.
ފިތުރު ޒަކާތް ދެއްކުމުގެ އެންމެ ފަހު ދުވަހަކީ އަންނަ މަހުގެ 10 ވަނަ ދުވަހެވެ. އެކަމަކު އިސްލާމިކް މިނިސްޓްރީއަށް 13 ވަނަ ދުވަހުގެ ނިޔަލަށް ޒަކާތް ބަލައިގެންނާނެ އެވެ.
ފިތުރު ޒަކާތް ބަހަނީ، ބަލައިގަންނަ އިދާރާ ހިމެނޭ ރަށަކަށް ނިސްބަތްވާ މީހުންގެ ތެރެއިން ފަގީރުންގެ ގޮތުގައި ރަޖިސްޓްރީ ކުރާ މީހުންނަށެވެ. މިދިޔަ އަހަރު މާލެ ސަރަހައްދުން ޒަކާތުގެ ގޮތުގައި 3.8 މިލިއަން ރުފިޔާ ލިބިފައިވާއިރު ބޮލަކަށް 1.250 ރުފިޔާގެ މަގުން ޒަކާތް ބަހާފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް