މޭޑޭގެ މުޒާހަރާގައި ފުލުހަކަށް ހަމަލާދިންކަން ސާބިތުވެގެން ފަސް އަހަރަށް ޖަލަށް ލާފައިވާ އީގަލްސްގެ ކުރީގެ ކީޕަރު އިބްރާހިމް ލަބާން ޝަރީފް މިއަދު މިނިވަން ކޮށްފި އެވެ.
އޭނާ މިނިވަންވެފައިވަނީ ރައީސް އަބްދުﷲ ޔާމީން މައާފު ދެއްވުމުން ޕެރޯލްގެ ދަށުންނެވެ. އޭނާ މިނިވަން ވެފައިމިވަނީ ޖަލަށް ހުކުމް ކުރިތާ ތިން އަހަރު ފަހުންނެވެ.
ކްރިމިނަލް ކޯޓުން ލަބާންގެ މައްޗަށް ކުރި ހުކުމުގައި ބުނެފައިވަނީ މެއި އެއް ވަނަ ދުވަހުގެ ރޭ ކުރި މުޒާހަރާގެ ތެރެއިން 10:00 އާއި 10:30އާ ދެމެދުގެ ވަގުތެއްގައި އިސްކަންދަރު ސްކޫލް ކައިރިން ދިޔަ ޕޮލިސް ސާޖަންޓު އަބްދުއްރަހްމާން ބިންމައްޗަށް ވައްޓާލީ އޭނާ ކަމަށެވެ. އަދި އަބްދުއްރަހްމާން ވެއްޓުމުން ދައުވާ ލިބޭ މީހުން މާރާމާރީ ހިންގުމުގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް ވެސް ހުކުމުގައި ވެ އެވެ.
ފުލުސް މީހާ އަށް ލަބާން ހަމަލާ ދިންކަން ހެކީންގެ ހެކިބަހުން ޝަރީއަތަށް ސާބިތުވާ ކަމަށް ވެސް ހުކުމްގައި ވެ އެވެ.
އެ މައްސަލައިގަ ލަބާން ހައްޔަރު ކުރީ ފުޓުބޯޅަ ޕްރެކްޓިސްއަށް ދަނޑަށް ގޮސް ހުއްޓަ އެތަނުންނެވެ.
ލަބާންގެ އިތުރުން މޭޑޭގައި ޖަލަށްލީ މީހުންގެ ތެރޭން ނާސިރާ އަލީއަށް ވެސް ރައީސް ޔާމީން މިދިޔަ އަހަރު ވަނީ މާއާފު ދެއްވައި މިނިވަން ކޮށްދީފަ އެވެ. އެ މުޒާހަރާ އާއި ގުޅިގެން ގިނަ ބަޔަކަށް ޖަލު ހުކުމް އިއްވި އިރު މުޒާހަރާ އިންތިޒާމު ކުރި އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ އެދުވަހު ދެއްކެވި ވާހަކަތަކަކާ ގުޅިގެން އޭނާ ވަނީ 12 އަހަރަށް ޖަލަށްލައިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް