ދުނިޔޭގެ ކްލަބް ފުޓްބޯޅައިގެ އެންމެ ތާރީޚީ އެއް މުބާރާތް ކަމަށްވާ އިނގިރޭސި އެފްއޭ ކަޕްގެ މި އަހަރުގެ ފައިނަލް މެޗުގައި ރޭ 1-0 އިން މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށް ޗެލްސީން ތަށި އުފުލާލައިފިއެވެ. ޗެލްސީގެ ބެލްޖިއަމް ތަރި އެޑެން ހަޒާޑް ޖެހި ޕެނަލްޓީއަކުން ޗެލްސީ މުބާރާތް ކާމިޔާބު ކުރިއިރު، މިއީ އެ ޓީމުން އެފްއޭ ކަޕްގެ ތަށި އުފުލާލި 8 ވަނަ ފަހަރެވެ.
މިއާއެކު ރޭގެ ފައިނަލްގައި ޗެލްސީއާ ވާދަކުރި މެންޗެސްޓާ ޔުނައިޓެޑަށް މި ސީޒަން ނިންމާލަން މި ޖެހުނީ އެއްވެސް މުބާރާތެއް ކާމިޔާބު ނުކުރެވި ހުސްއަތާއެވެ. މިއީ އިނގިރޭސިވިލާތުގެ އެންމެ ކާމިޔާބު ކުލަބް މެންޗެސްޓާ ޔުނައިޓެޑަށް ފާއިތުވި 4 އަހަރުގެ ތެރޭގައި ހުސްއަތާ ސީޒަން ނިންމާލަން ޖެހުނު 2 ވަނަ ފަހަރެވެ.
ރޭގެ މެޗުގެ ކުރިން ޗެލްސީގެ އެންމެ މުހިންމު ކުޅުންތެރިޔާގެ އެޑެން ހަޒާޑް، ކޮންޓްރެކްޓް އާ ކުރަން އަދި ނޫޅޭ ކަމަށާއި، އޭގެ ކުރިން ބަލަން ޖެހޭ ކަންތައްތަކެއް އެބަހުރިކަމަށް ބުނެ އޭނާ އެހެން ކްލަބަކަށް ބަދަލުވާން އުޅޭކަމަށް ދެކެވޭ ވާހަކަތަކަށް ބާރު ލިބޭފަދަ މޭރުމަކުން ވަނީ ވާހަކަ ދައްކާފައެވެ.
އެހެނަސް، ރޭ ވެމްބްލީ ސްޓޭޑިއަމްގައި ކުޅެވުނު ފޯރިގަދަ ފައިނަލްގައި ޗެލްސީގެ ހީރޯއަކީ ހަމަ އެޑެން ހަޒާޑްއެވެ. ފުރަތަމަ ހާފުގެ 22 ވަނަ މިނިޓުގައި ހަޒާޑް ހަލުވިކަމާއެކު ބޯޅަ ހިފައިގެން އޭރިއާ ތެރެއަށް ވަދެގަންއިރު، އޭނާ ހުއްޓުވުމަށް ޔުނައިޓެޑްގެ ޑިފެންޑަރ ޕިލް ޖޯންސް ފައުލް ކުރުމުން ރެފްރީ ވަނީ ޕެނަލްޓީއެއް ދީފައެވެ. ރޭގެ ފައިނަލްގެ ރަން ލަނޑަކަށްވީ އެ ޕެނަލްޓީ އިން ހަޒާޑް ކާމިޔާބު ކުރި ލަނޑެވެ.
ނަތީޖާ ހަމަހަމަ ކުރުމަށް ފުރަތަމަ ހާފަށްވުރެ ޔުނައިޓެޑުން ދެ ވަނަ ހާފުގައި ކުޅުން ރަނގަޅު ކުރިއިރު، އެ ޓީމުގެ އެލެކްސިސް ސަންޗޭޒް ޖެހި ލަނޑެއް ވަނީ އޮފްސައިޑްވުމުގެ ސަބަބުން ގޯލެއް ނޫންކަމަށް ނިންމާފައެވެ. އަނެއްކޮޅުން އަނިޔާއަށްފަހު އެނބުރި އައި ރޮމެލޫ ލޫކާކޫ ފަހު ވަގުތު އެރުވި ނަމަވެސް އޭނާއަށް ވެސް ނަތީޖާ އަނބުރާލުމަށް މާބޮޑު އެހީތެރިކަމެއް ވެދެވޭ ގޮތެއް ނުވިއެވެ.
އެފްއޭ ކަޕްގެ ތަށި ލިބުނު ނަމަވެސް ޗެލްސީން މިހާރުގެ ކޯޗު އެންޓޯނިއޯ ކޮންޓޭ މަގާމުގައި ބަހައްޓާނެކަމަކަށް ނުބެލެވެއެވެ. ކޮންޓޭގެ މަގާމް ގެއްލުމުގެ ބިރާ ކުރިމަތިވެފައިވަނީ މިދިޔަ އަހަރު ލީގު ކާމިޔާބު ކުރުމަށްފަހު މި ސީޒަންގައި ޗެމްޕިއަންސް ލީގުގެ ޖާގައެއް ވެސް ނުލިބޭ ހިސާބު، ތާވަލުގެ 5 ވަނައިގައި ލީގު ނިންމާލަން ޖެހުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް