މައިންބަފައިން މުސްކުޅިވާ ދުވަހު ގޭގައި އެކަނި އިންނަން ޖެހުމާއި ދަރިން މަސައްކަތުގައި ބުރަކޮށް އުޅެން ޖެހުމުން އެކަނިވެރިކަން އިހުސާސް ކުރަން ޖެހެ އެވެ.
އެ އެކަނިވެރިކަން ފިލުވާލުމަށް ކުދިންގެ ފަރާތުން އެހީތެރިކަމެއް ފޯރުކޮށްދެވިދާނެ އެވެ. އެކަން ވަރަށް ފަހުން އެމެރިކާގައި ހެދި ދިރާސާއަކުން ވަނީ ދައްކާފައި އެވެ. ކޮންމެ މީހަކުވެސް މައިންބަފައިންނާއި ވަކިން ތާކަށް ދާންޖެހޭނަމަ ސްމާޓް ފޯނެއް ނުވަތަ ސޯޝަލް މީޑިއާ ނެޓުވޯކު ބޭނުން ކުރާނެ ގޮތް ބުނެދޭށެވެ.
ހާއްސަކޮށް ސޯޝަލް މީޑިއާ އެޕްތަކުގެ ތެރެއިން ފޭސްބުކް ބޭނުން ކުރާނެ ގޮތެވެ. އެ ދިރާސާގައި ބައިވެރިވި އުމުރުން 60 އަހަރުން މަތީގެ 200 މީހުން ބުނެފައިވަނީ ފޭސްބުކް ބޭނުން ކުރަން ފެށުމުން އުމުރުން ދުވަސްވުމުންވެސް އެމީހުންނަކީ އާންމުންގެ ތެރޭގައި އުޅޭ ބައެއްކަމުގެ އިހުސާސް ކުރެވޭ ކަމަށެވެ. އަދި އެމީހުންގެ މުހިންމުކަން އެހެން އުމުރު ފުރާތަކުގެ މީހުން ދެނެގަންނަ ކަމުގެ އިހުސާސްވެސް ކުރެވޭ ކަމަށެވެ.
އަދި ދަރިން އެމީހުން އެކަނި ބައިތިއްބާފައި ތަންތަނަށް ދަނީ އެކަނި ކޮށްލުމުގެ ނިޔަތުގައި ނޫންކަމާއި، އެއީ އެމީހުންގެ ދިރިއުޅުން މިއަދު ބައްޓަން ކުރަން ޖެހިފައިވާ ގޮތް ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.
އެ ދިރާސާގައި ފާހަގަވި ކަންކަމުގެ ތެރޭގައި ސޯޝަލް މީޑިއާ އެޕް ތަކުގެ ތެރެއިން އުމުރުން ދުވަސްވީ މީހުންނަށް އެންމެ ބޭނުން ކުރަން ފަސޭހަވެފަ، ގިނައިން ބޭނުން ކުރަނީ ފޭސްބުކެވެ. އެއީ ފޮޓޯ ލާން ފަސޭހަ ވުމާއި ގިނަ ކަންކަން ކޮންޓްރޯލް ކުރެވޭ ގޮތް ފަސޭހަވުމުގެ އިތުރުން މުޖުތަމައުއާއި ފަސޭހައިން ގުޅުން ބަދަހި ކުރެވެނީ ފޭސްބުކުން ކަމަށެވެ.
އަދި އެމީހުންގެ ޕޯސްޓުތަކަށް ގިނަ މީހުންގެ ފަރާތުން ކޮމެންޓު ލިބުމަކީ އުފާވެރިކަން ގެނެސްދޭ ކަމެއްކަމަށް ބުނެފައިވެ އެވެ.
ޕެންސިލްވޭނިއާ ސްޓޭޓް ޔުނިވާސިޓީގައި މި ދިރާސާ ކުރި ފަރާތްތަކުން ވަނީ ސޯޝަލް މީޑިއާ އެޕްތައް އުފައްދާ ފަރާތްތަކުން އުމުރުން ދުވަސްވީ މީހުންނަށް ބޭނުން ކުރެވޭގޮތަށް އެމީހުންނާއިވެސް ގުޅޭގޮތަށް އެޕްތައް ފަރުމާކުރަން ޖެހޭ ކަމަށް ބުނެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް