އެމްޑީޕީގެ ޕްރައިމަރީގަ ނަޝީދާއި ވާދަ ކުރާނެ ބޭފުޅަކު ނެތް!

މިމަހު 30 ވަނަ ދުވަހު ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރުމުގެ ފުރުސަތު އިއްޔެ ހަމަވިއިރު ކުރިމަތި ލެއްވީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެކަނިކަމަށް އެ ޕާޓީން ބުނެފި އެވެ. ރިޔާސީ ޕްރައި...

19 May 2018 | 23:51

މިމަހު 30 ވަނަ ދުވަހު ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރުމުގެ ފުރުސަތު އިއްޔެ ހަމަވިއިރު ކުރިމަތި ލެއްވީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެކަނިކަމަށް އެ ޕާޓީން ބުނެފި އެވެ.

ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމަށް ނަޝީދު ފޯމު ހުށަހެޅުއްވީ އިއްޔެ އެވެ. ނަޝިދުގެ ފަރާތްޕުޅުން 7739 މީހުންގެ ސޮޔާއި ފޯމު ހުށަހެޅުއްވީ ކެމްޕެއިން މެނޭޖަރު ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމެވެ.

އެ ފޯމު ސައްހަކަމަށް ނިންމައި ނަޝީދުގެ ކެނޑިޑޭސީ އެމްޑީޕީގެ އޮފީހުން ވަނީ ގަބޫލުކޮށްފައި އެވެ.

މިދިޔަ 2013 ވަނަ އަހަރުގެ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވެސް ކުރިމަތިލެއްވީ ނަޝިދު އެކަންޏެވެ. އެހެންވެ ވޯޓަކައި ނުލާ އެމަނިކުފާނަށް ވަނީ ޕާޓީގެ ޓިކެޓު ދީފަ އެވެ. އެކަމަކު މިފަހަރުގެ ޕްރައިމަރީގައި އަމަލު ކުރާނެ ގޮތެއް އަދި އެ ޕާޓީން ހާމައެއް ނުކުރައްވަ އެވެ.

ރައީސް ނަޝީދު ޕްރައިމަރީގެ ކެމްޕެއިން ރަސްމީކޮށް ކުރައްވަމުން ގެންދަވަނީ "ޖަޒީރާ ރައީސްގެ" ނަމުގައި އެވެ. އެމަނިކުފާނުގެ ފަރާތްޕުޅުން ކެމްޕެއިން ޓީމުތައް މިހާރު ރާއްޖޭގެ 30 ރަށަކަށް ދަތުރުކޮށްފައިވާއިރު ސްކައިޕް މެދުވެރިކޮށް ނަޝީދު ގެންދަވަނީ އެ ރަށްރަށުގެ ރައްޔިތުންނާއި ބައްދަލު ކުރައްވަމުންނެވެ.

ރައީސް ނަޝީދަށް ވަނީ 13 އަހަރުގެ ޖަލު ހުކުމެއް އިއްވާފައި އެވެ. އެކަމަކު ބޭސްފަރުވާއަށް ވަޑައިގެންނެވުމަށް ފަހު އިނގިރޭސިވިލާތުން ހިމާޔަތް ހޯއްދަވައިގެން ހުންނެވި ނަޝީދު މިވަގުތު ހުންނެވީ ސްރީލަންކާގައި އެވެ.

އެމްޑީޕީގެ ޕްރައިމަރީގައި އެމަނިކުފާނަށް ޓިކެޓު ދޭން ނިންމިޔަސް ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަ ކުރުމުގެ ފުރުސަތު ނެތް ކަމަށް ސަރުކާރުން ގެންދަނީ ބުނަމުންނެވެ. ނަޝީދަށް ވާދަކުރެވެން ޖެހޭނެ ކަމަށް އދ. ން ނިންމުމަށް ސަރުކާރުން ބުނެފައިވަނީ އެފުރުސަތު ރާއްޖޭގެ ގާނޫނުން ތަން ނުދޭކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް