މިސްކިތްތަކަށް ކުރާ ހޭދަ މިހާރަށްވުރެ އިތުރުކުރަން ޖެހޭ: ނައިބު ރައީސް

މި ބިމުގައި އެންމެ މާތްވެގެންވާ މުޤައްދަސް ތަން ކަމަށްވާ މިސްކިތްތަކަށް ކުރާ ހޭދަ މިހާރަށްވުރެ އިތުރު ކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް އެދިވަޑައިގެންފިއެވެ. ނައިބު ރައީސް މިފަދައ...

20 Apr 2019 | 09:00

މި ބިމުގައި އެންމެ މާތްވެގެންވާ މުޤައްދަސް ތަން ކަމަށްވާ މިސްކިތްތަކަށް ކުރާ ހޭދަ މިހާރަށްވުރެ އިތުރު ކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް އެދިވަޑައިގެންފިއެވެ.

ނައިބު ރައީސް މިފަދައިން ވިދާޅުވީ، މިއަދު އިސްލާމީ މަރުކަޒުގައި ބޭއްވި "ދަރުމަ ކަމާކެމި" ހަރަކާތް އިފްތިތާހު ކުރި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވަނީ، ހެޔޮ ކަންތައްތައް ކުރުމަކީ އެއަށް ނިމުމެއް އަންނާނެ ކަމެއް ނޫންކަން ހަނދާން ކޮށްދެއްވައި، މީހުންނަށް އަޅާލުމާއި ހެޔޮ ކަންތައްތަކަށް ހޭދަ ކުރުން އިތުރުކުރުމަށް ގޮވައިލައްވާފައެވެ.

މީގެ އިތުރުން ނައިބު ރައީސް ވަނީ މިހާރުގެ ސަރުކާރުން ކުރާ ކޮންމެ ކަމެއްވެސް ކުރިއަށް ގެންދާނީ ރައްޔިތުން ހިތް ހަމަޖެހޭ ގޮތަށް، އެއްވެސް މީހެއްގެ ޙައްޤަކަށް އުނިކަން ނުލިބޭ ގޮތަށް ކަމުގެ ޔަގީންކަން ދެއްވައިފައެވެ. މިގޮތުން، އިސްލާމިކް މިނިސްޓްރީން ހިންގަވާ އެންމެހައި ހަރަކާތްތައްވެސް ރައްޔިތުންނަށް ދެ ފުށް ފެންނަ ގޮތަށް ކުރެއްވުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

"ދަރުމަ ކަމާކެމި" އަކީ، މިސްކިތް ބިނާ ކުރުމަށް ހެޔޮ އެދޭ ފަރާތްތަކަށް އެ ފުރުސަތު ތަނަވަސް ކޮށްދީ، މިސްކިތްތައް މަރާމާތުކޮށް ބެލެހެއްޓުމަށް އެހީތެރިވާން ބޭނުންވާ ފަރާތްތަކަށް އެކަންކަން ފަހިކޮށްދިނުމަށްޓަކައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ރާވާފައިވާ ހަރަކާތެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް