ފޮނަދޫއަށް ރޭފަތިހު އެރި ނަގޫ ރޯޅީގައި 12 ގެއަކަށް ގެއްލުންވެ، 6 ގެއެއްގައި މީހުން ނޫޅެވޭވަރު ވެފައިވޭ

ލ.ފޮނަދޫއަށް ރޭފަތިހު އެރި ނަގޫރޯޅީގެ ސަބަބުން އެރަށުގެ 12 ގެއަކަށް އެކި ވަރުގެ ގެއްލުން ލިބިފައިވާއިރު، 6 ގެއަކު މީހުން ނޫޅެވޭވަރަށް ގެއްލުން ލިބިފައިވާކަމަށް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެން.ޑީ...

20 Apr 2019 | 08:45

ލ.ފޮނަދޫއަށް ރޭފަތިހު އެރި ނަގޫރޯޅީގެ ސަބަބުން އެރަށުގެ 12 ގެއަކަށް އެކި ވަރުގެ ގެއްލުން ލިބިފައިވާއިރު، 6 ގެއަކު މީހުން ނޫޅެވޭވަރަށް ގެއްލުން ލިބިފައިވާކަމަށް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެން.ޑީ.އެމް.އޭ) އިން ބުނެފިއެވެ.

އެ އޮތޯތިޓީން މިހެން ބުނެފައިވަނީ މިއަދު މިކަމާއި ބެހޭގޮތުން ވާހަކަދެއްކުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމެއްގައެވެ.

އެން.ޑީ.އެމް.އޭ ގެ ޑެޕިއުޓީ ޗީފް އެކްޒެކެޓިވް އުމަރު ފިކުރީ ވިދާޅުވީ، ފޮނަދޫގެ 12 ގެއަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށާއި، އެފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ފުލުހުންނާއި ސިފައިން، އަދި ކައުންސިލާއި ސަރުކާރު މުއައްސަސާތައް ގުޅިގެން ކުރިއަށް ގެންދާ ކަމުގައެވެ. މީގެ އިތުރުން، ގެއްލުން ލިބުނު ތަންތަން މަރާމާތުކޮށް، ވެއްޓިފައިވާ ރުއްގަސްތައްވެސް ނެގުމުގެ މަސައްކަތް މިހާރުވެސް ކުރިއަށް ދާ ކަމަށާއި ބޭނުން ނުކުރެވޭ ވަރަށް ގެއްލުން ލިބުނު ގެތަކުގެ މީހުންނަށް ވެސް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށެވެ. އަދި އެ އޮތޯރިޓީގެ ޓީމެއް މިޙާރު ފޮނަދޫގައި ހަރަކާތްތެރިވަމުން އަންނަ ކަމަށްވެސް އުމަރު ވިދާޅުވިއެވެ.

އެން.ޑީ.އެމް.އޭގެ ޑިރެކްޓަރ ޖެނެރަލް ސޮފީނާޒް ޙަސަން ވިދާޅުވީ، މިދުވަސްވަރު ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެކަމަށާއި، ދެކުނުގެ ބައެއް އަތޮޅުތަކަށް ވައިގަދަވާނެ ކަމަށް މެޓް އޮފީހުން ބުނެފައިވާކަމަށެވެ. އަދި އުދައިގެ އަސަރުކުރާނެކަމަށްވެސް މެޓް އޮފީހުން ވަނީ ލަފާކޮށްފައިވާ ކަމަށާއި، އެހެންކަމުން މިކަންކަމަށް ސަމާލުކަންދީ ފަރުދީ ފެންވަރުގައިވެސް ރައްކާތެރިވެ ތިބުން މުހިއްމު ކަމަށް ސޮފީނާޒް ވިދާޅުވިއެވެ. މީހެ އިތުރުން، ވަކިން ޙާއްސަކޮށް ގޭގެއަށް ފެން ނުވަންނާނެހެން ވެލިބަސްތައް ޖެހުމާއި، މުދާ ރައްކާތެރިކުރުމަށް ސޮފީނާޒް އިލްތިމާސްކުރެއްވިއެވެ.

ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވެ، ފޮނަދޫއަށް ނަގޫރޯޅިއެއް އަރާފައިވާއިރު، އިއްޔެގެ ވަގުތެއްގައި އައްޑޫ ސިޓީގެ ބައެއް ރަށްތަކަށް ވަނީ އުދައިގެ އަސަރުވެސް ކޮށްފައެވެ. އަދި މިއަދު މެޓް އޮފީހުން ވަނީ، ރ. އަތޮޅުން ފެށިގެން އައްޑޫ ސިޓީ އާއި ހިސާބަށް ވައިޓް އެލާޓްވސް ނެރެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް