ހިޕްހޮޕް އާއި ޕޮޕް އަދި ހައުސް ލަވަތަކުން މުޅި ދުނިޔޭގެ މަޝްހޫރުކަން ހޯދާފައިވާ ޕިޓްބުލް ހިންދީ ލަވައެއްގައި ލަވަ ކިޔައިފިއެވެ.
މި ލަވަ އަކީ ހިންދީ ހިޕްހޮޕް އަދި ޕޮޕް ލަވަތައް ކިޔުމުގައި މި ފަހަކަށް އައިސް ބޮޑު މަޝްހޫރުކަމެއް ހޯދަމުން އަންނަ ގުރޫ ރަންދަވާ އާއެކު ކިޔާފައިވާ ލަވައެކެވެ.
މި ލަވަ އަކީ ޓީސީރީޒް އަދި އެ ކުންފުނީގެ ވެރިޔާ ބޫޝަން ކުމާރުގެ އުފެއްދުމެކެވެ. ލަވައިގެ ނަމަކީ "ސްލޯލީ ސްލޯލީ" އެވެ. އިއްޔެ އަޕްލޯޑް ކުރި މި ވީޑިއޯ ލަވަ މިހާތަނަށް 30 މިލިޔަނަށްވުރެ ގިނަ މީހުން ބަލާފައިވެއެވެ.
ޕިޓްބުލް ހިންދީ ލަވައެއްގައި ބައިވެރިވެފައިވާއިރު ދުނިޔޭގެ މަޝްހޫރު ގިނަ ލަވަކިޔުންތެރިންތަކެއް ހިންދީ ލަވަކިޔުންތެރިންނާއެކު ލަވަ ކިޔާފައިވެއެވެ. އެގޮތުން ސްނޫޕް ޑޯގް، އަދި އޭކަން ހިމެނެއެވެ. އޭކަން ލަވަ ކިޔާފައިވަނީ ސީދާ ހިންދީ ބަހުންނެވެ.
ގުރްޝަރަންޖޯތު ސިންގް ރަންދަވާ (ގުރޫ ރަންދަވާ) އަކީ 2000ގެ ކުރީކޮޅުއްސުރެ ލަވަ ކިޔަމުން އަންނަ ލަވަކިޔުންތެރިއެކެވެ. ނަމަވެސް ބޮޑު މަގްބޫލުކަމެއް އޭނާއަށް ލިބިގެން ގޮސްފައިވަނީ 2017 ގައި ފިލްމު "ސުލޫ" އަށް ކިޔާދީފައިވާ "ބަންޖާ ތޫ މެރި ރާނީ" މި ލަވައިންނެވެ.
ގުރޫ ރަންދަވާގެ މަޝްހޫރު ލަވަތަކުގެ ތެރޭގައި "ލާހޯރު" ، "ޕަޓޯލާ" އަދި "ހައި ރޭޓެޑް ގަބްރޫ" ހިމެނެއެވެ. ގުރޫ ރަންދަވާ އަންނަނީ 2017 އިން ފެށިގެން ފިލްމުތަކަށްވެސް ލަވަ ކިޔައިދެމުންނެވެ. އެގޮތުން 2017 އިން ފެށިގެން މިހާތަނަށް 13 ފިލްމަކަށް ލަވަ ކިޔާދީފައިވެއެވެ.
https://www.youtube.com/watch?v=hGsVLXnFgbA
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް