މިސްކިތްތަކުގައި ހުތުބާ އިޝާރާތުގެ ބަހުން ކިޔައިދިނުމުގެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާކަމަށް އިސްލާމިކް މިނިސްޓަރު ވިދާޅުވެއްޖެއެވެ.
ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނަށް އަމާޒުކޮށްގެން އިސްލާމިކް މިނިސްޓްރީން ކުރިއަށް ގެންދާ ކީރިތި ޤުރުއާން ކިޔަވަން ދަސްކޮށްދިނުމުގެ ޕްރޮގްރާމް އިފްތިތާޙުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު ޢަލީ ވިދާޅުވީ، އިވުމުން މަހުރޫމުވެފައިވާ މީހުންނަށް ހުތުބާގައި ކިޔާ ތަކެތި ދޭހަ ކޮއްދިނުމަށްޓަކައި، މިސްކިތްތަކުގައި ހުތުބާ އިޝާރާތުގެ ބަހަށް ތަރުޖަމާ ކުރުމުގެ އިންތިޒާމު ވަރަށް އަވަހަށް ހަމަޖެހިގެންދާނެ ކަމަށެވެ.
އަދި އިވުމުން މަހުރޫމްވެފައިވާ ކުދިންނަށް ދީނީ ތައުލީމު އުނގަންނައިދިނުމަށްޓަކައި ކޮންމެ މަހަކު ސެޝަންއެއް ނެގުމަށް ނިންމާފައިވާ ކަމަށްވެސް، އިސްލާމިކް މިނިސްޓަރ ޑރ. އަހްމަދު ޒާހިރު އަލީ ވިދާޅުވިއެވެ.
މި ޖަލްސާގައި ވާހަކަދައްކަވަމުން ޑެފް އެސޯސިއޭޝަންގެ މެމްބަރ މަރިޔަމް ޝަހުދާ ވިދާޅުވީ ޚުޠުބާ އިޝާރާތުގެ ބަހުން ތަރުޖަމާކުރުމުގެ އިންތިޒާމް ހަމަޖެހިގެންދިއުމަކީ ލިބޭ ބޮޑު އުފަލެއްކަމަށެވެ.
އަދި މިފަދަ އިތުރު ކަންތައްތައް ކުރިއަށްއޮތްތަނުގައި ފެނިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް