އެއާޕޯޓް ހަދަން ނިންމައި، އީއައިއޭ ހަދައިދޭނެ ފަރާތެއް ހޯދަން އިއުލާނުކޮށްފައިވާ ހއ މާފިނޮޅު ވަރުވާއަށް ލެވުނީ އޮޅުމަކުން ކަމުގައި ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވެއްޖެ އެވެ.
ޝައިނީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މާފިނޮޅު ވަރުވާ އަށް ދޫކުރަން އިއުލާނު ކުރީ ޑާޓާބޭސް ގެ މައްސަލައަކުން ކަމަށެވެ.
"އިންޝާﷲ މި ސަރުކާރުން މާފިނޮޅުގައި އަޅާނީ އެއާޕޯޓް" ޝައިނީގެ ޓްވީޓްގައި ވެ އެވެ.
https://twitter.com/mshainee/status/976114933170552832
ފިޝަރީޒް މިނިސްޓްރީން ކުރިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މާފޮނޮޅާއި އެކު 25 ރަށެއް ވަރުވާއަށް ދޫކުރަން ނިންމާފައިވާ ކަމަށެވެ. އަދި ބިޑު ފޮތް މިމަހުގެ 25 ން ފެށިގެން ގަންނަން ލިބޭނެ ކަމަށާއި އަންނަ މަހުގެ 24 ގެ ނިޔަލަށް ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
ރީޖަނަލް އެއާޕޯޓްސް އިން އެ ރަށުގައި އެއާޕޯޓެއް ހަދަން ނިންމާފައިވާ ކަން ހާމަކޮށް އީއައިއޭ ހަދައިދޭނެ ފަރާތެއް ހޯދުމަށް ދެ ވަނަ ފަހަރަށް އިއުލާނު ކުރީ މިމަހުގެ 12 ވަނަ ދުވަހު އެވެ. އެ އިއުލާނުގެ މުއްދަތު ހަމަވާނީ މާދަމާ އެވެ.
މިއަހަރަށް މަޖިލީސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަމުން ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ ހއ. ހޯރަފުށީ ކައިރީގައި އެއާޕޯޓެއް އެޅުމުގެ މަސައްކަތް މިއަހަރު ތެރޭގައި ފަށާނެ ކަމަށެވެ. އެކަމަކު އެއީ ކޮން ރަށެއް ކަމެއް ވިދާޅެއް ނުވެ އެވެ.
ރީޖަނަލް އެއާޕޯސްޓްސް އިން އެ ރަށުގައި އެއާޕޯޓު އަޅަން ނިންމާފައިވާ ކަން ހާމަ ކުރީ އޭގެ ފަހުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް