ރަމަޟާން މަހުގެ ރޯދަ !

އެހެނިހެން އުންމަތްތަކުގެ މީހުންގެ މައްޗައްވެސް ރޯދަ ފަރުޟުކުރެއްވުނު ފަދައިން މާތް ﷲ، މުޙައްމަދުގެފާނުގެ އުންމަތުގެ މީހުންގެ މައްޗަށްވެސް ރޯދަ ފަރުޟުކުރެއްވިއެވެ. އެއީ އެކަލާނގެ ކިބަފުޅަށް ފުރިހަމަ ގ...

20 Mar 2018 | 09:50

އެހެނިހެން އުންމަތްތަކުގެ މީހުންގެ މައްޗައްވެސް ރޯދަ ފަރުޟުކުރެއްވުނު ފަދައިން މާތް ﷲ، މުޙައްމަދުގެފާނުގެ އުންމަތުގެ މީހުންގެ މައްޗަށްވެސް ރޯދަ ފަރުޟުކުރެއްވިއެވެ. އެއީ އެކަލާނގެ ކިބަފުޅަށް ފުރިހަމަ ގޮތުގައި ބިރުވެތިވެ ތަޤުވާވެރިވުމަށްޓަކައެވެ. ދެންފަހެ ރަމަޟާންމަސް އަޅުގަނޑުމެންނާއި ގާތްވަމުން ދާއިރު، ރޯދައާއިބޭހޭގޮތުން  ބޭނުންވެދާނެ ވަރަށް ގިނަ މަޢުލޫމާތު ތަކެއް ހުރުމަކީ އެކަށީގެންވާ ކަމެވެެ.

އެހެން ކަމުން މި އާޓިކަލްގައި އެފަދަ މަޢުލޫމާތު ކޮޅެއް ކޮންމެވެސް  ވަރަކަށް ހިމަނާލެވޭތޯ މަސައްކަތް ކުރާނަމެވެ.

ރަމަޟާން މަހުގެ ރޯދަ ނުވަތަ ( ރޯދަ) މި ލަފްޒުގެ ތަޢުރީފަށް ބަލާއިރު، (الصيام) މިއީ ޢަރަބި ލަފްޒެކެވެ. ޢަރަބި ބަހުގައި އެބަހުގެ މާނައަކީ ހަނުހުރުމެވެ. މިލަފްޒު ހަނުހުރުމުގެ މާނައިގައި ކީރިޤުރުއާނުގެ މަރްޔަމް ސޫރަތުގެ 26 ވަނަ އާޔަތުގައި ﷲ ތަޢާލާ މަރްޔަމްގެފާނަށް ވަޙީކުރެއްވި ބަސްފުޅެއްގެ މާނާގައި ވެއެވެ. “ދެން ކަމަނާއަށް މީހަކު ފެނިއްޖެނަމަ ބުނާށެވެ. ހަމަކަށަވަރުން އަހުރެން މިއިނީ ރަޙްމާންވަންތަ ރަސްކަލާނގެ ކިބައަށް ރޯދަހިފުމަށް ނަދުރު ގަނެގެންނެވެ! ވީމާ އަދު އަހުރެން، އެއްވެސް މީހަކާ ވާހަކަދައްކައި އުޅޭކަށްނެތީމެވެ.” މިތަނުގައި މިލަފްޒުގެ މުރާދަކީ ވާހަކަނުދައްކައި ހަނުހުރުމެވެ.

ރޯދައިގެ ޝަރުޢީ މާނައަށް ބަލާއިރު، ރޯދައަކީ ފަޖުރުލީއްސުރެން ރޯދަހިފުމުގެ ނިޔަތުގައި، އިރުއޮއްސިއްޖައުމަށް ދާންދެން އެރޯދަ ގެއްލެނިވި އެންމެހާ ކަންކަމުން ދުރުހެލިވެ މަނާވެގެންހުރުމެވެ.

ރަމަޟާންމަހުގެ ރޯދައަކީ ފަރުޟު ރޯދައެއްކަމަށް ކީރިތި ޤުރުއާނާއި، ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތާއި އުންމަތުގެ އިޖުމާޢުގައި އައިސްފައިވެއެވެ. މާތްﷲ ވަޙީކުރެއްވި ބަސްފުޅެއްގެ މާނާގައިވެއެވެ. “އޭ އީމާންވީ މީހުންނެވެ! ތިޔަބައިމީހުންގެ ކުރީގެ މީހުންގެ މައްޗައް ރޯދަ ފަރުޟުކުރެއްވުނުފަދައިން، ތިޔަބައިމީހުންގެ މައްޗަށްވެސް ރޯދަ ފަރުޟުކުރެވިއްޖެއެވެ. އެއީ ތިޔަބައިމީހުން ތަޤްވާވެރިވުމަށްޓަކައެވެ.

ކީރިތި ރަސޫލާގެ ހަދީޡް ކުރެއްވި ބަސްފުޅެއްގެ މާނާގައިވެއެވެ.  “އިސްލާމްދީން ބިނާވެފައިވަނީ ފަސްކަމެއްގެ މައްޗަށެވެ. އެއީ ﷲގެ އެއްކައުވަންތަކަމަށް ހެކިވުމާއެކު މުޙައްމަދުގެފާނީ ﷲ ގެރަސޫލާކަމަށްހެކިވުމާއި، ނަމާދުޤާއިމުކުރުމާއި، ޒަކާތްދިނުމާއި. ރަމްޟާން މަހު ރޯދަހިފުމާއި، ގެފުޅަށް ޙައްޖުވުމެވެ.”

އުންމަތުގެ އިޖުމާޢުންވެސް ސާބިތުވާ ގޮތުގައި މުޙައްމަދު ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ނަބަވީ ޙަޔާތުން ފެށިގެން އަދާހަމައަށް، ރޯދަމަހުގެ ރޯދައަކީ ފަރުޟު ރޯދައެއްކަމާއި، އެއީ އިސްލާމްދީނުގެ އެއްރުކުންކަމުގައްޔާއި، އެއަށް އިންކާރުކުރާމީހާއަކީ ކާފިރުވެ މުރުތައްދުވެ އިސްލާމުންގެ މިއްލަތުން ބޭރުވެފައިވާ މީހެއްކަމަށް މިއުންމަތް އިޖުމާޢުވެފައިވެއެވެ. ރޯދަ ފަރުޟުކުރެއްވުނީ ހިޖުރައިން ދެވަނައަހަރު ޝަޢްބާންމަހުގެ ދެވަނައަށްވީ ހޯމަދުވަހު އެވެ.

ރަމަޟާންމަހާއި އެމަހުގެ ރޯދައިގެ މާތްކަމަށް ބަލާއިރު ރަމަޟާންމަސް ގާތްވުމުން އެމަހުގެ މާތްކަން އުއްމަތަށް ބަޔާންކުރައްވަމުން ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވިދާޅުވި ބަސްފުޅެއްގައިވެއެވެ. (قد جاءكم شهر مبارك ، افترض الله عليكم صيامه ، تفتح فيه أبواب الجنة ، و تغلق فيه أبواب الجحيم ، و تغل فيه الشياطين ، فيه ليلة خير من ألف شهر ، من حرم خيرها ، فقد حرم) މިބަސްފުޅުގެ މާނައަކީ “ހަމަކަށަވަރުން ބަރަކާތްތެރިވެގެންވާ މައްސަރެއް ތިޔަބައިމީހުންގެ ގާތަށް އަތުވެއްޖެއެވެ. ﷲ ތިޔަބައިމީހުންގެ މައްޗަށް އެމަހުގައި ރޯދަ ހިފުން ފަރުޟުކުރައްވައިފިއެވެ. އަދި އެމަހުގައި ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވެއެވެ. އަދި ނަރަކައިގެ ދޮރުތައް ބަންދުކުރެވެއެވެ. އަދި ޝައިޠާނުން ކަސްތަޅުއެޅުވެއެވެ. އެމަހުގައި، އެއްހާސް މައްސަރަށްވުރެން ހެޔޮކަންބޮޑު ރެއެއްވެއެވެ. އެރޭގެ ހެޔޮކަމުން މަޙްރޫމުވެއްޖެމީހާ، ފަހެ ހަމަކަށަވަރުން މަޙްރޫމް ވެއްޖެއެވެ.” މިޙަދީޡް ރިވާކުރެއްވީ އަލްއިމާމް އަޙްމަދާއި، އަލްއިމާމު ނަސާއީއާއި، އަލްއިމާމު ބައިހަޤީއެވެ. އަދި ރަމަޟާންމަހުގެ ރޯދައާ ބެހޭގޮތުން ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޡްކުރައްވާފައިވެއެވެ. “من صام رمضان إيمانا واحتسابا غفر له ما تقدم من ذنبه” މާނައީ : “ﷲ ގެ އެއްކައުވަންތަކަމަށް އިމާންވުމާއެކު އެކަލާނގެ ހަޟްރަތުން ސަވާބާއި ދަރުމަ އެދޭ ޙާލު ރަމަޟާންމަހު ރޯދަހިފައިފިމީހާ ދަންނާށެވެ. އެމީހާގެ އިސްވެ ގޮސްފައިވާ ފާފަތައް ފުހެވިއްޖެއެވެ.” މިޙަދީޡް ރިވާކުރެއްވީ އަލްއިމާމުލް ބުޚާރީއާއި، އަލްއިމާމު މުސްލިމެވެ.

ރޯދަ ވާޖިބު ވުމުގެ ޝަރުޠުތަކަށް ބަލާއިރު، 5 ޝަރުތެއް ވެއެވެ. އެއީ  އިސްލާމަކު ކަމުގައި ވުމާއި  ބާލިޣުވެފައިވުމާއި ބުއްދި ސަލާމަތުން ހުރުމާއި  ރޯދަހިފުމަށް ކުޅަދާނަކަން ލިބުމުގެ އިތުރުން  ޤާއިމްވެހުރި މީހަކު ކަމުގައިވުން ހިމެނެއެވެ. ޤާއިމްވެ ހުރުމަކީ ދަތުރުވެރިއަކު ކަމުގައި ނުވުމެވެ.

މިހެންކަމުން، ކާފިރުމީހާއާއި، ކުޑަކުއްޖާއާއި، މޮޔަމީހާއާއި، ގަނޑުވެފައިވާ މީހާއާއި، މަސްތުވެފައިވާ މީހާއާއި، މުސްކުޅިކަންބޮޑުކަމަށްޓަކައްޔާއި، ފަސޭހަނުވާފަދަ ބައްޔެއްހުރިކަމަށްޓަކައި ރޯދަ ހިފުމަށް ނުކުޅެދިފައިވާ މީހާއާއި، ދަތުރުވެރިޔާއާއި މިބުނެވުނު އެންމެންގެ މައްޗަށް ރޯދަ ވާޖިބު ނުވާހުއްޓެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް