ގާނޫނީ ވަކީލު ހުސްނުއް ސުއޫދު ކްރިމިނަލް ކޯޓުގައި ކުރިޔަށްދާ އެއްވެސް މައްސަލައެއްގައި ވަކާލާތު ނުކުރެވޭ ގޮތަށް ސަސްޕެންޑު ކޮށްފި އެވެ.
އެކޯޓުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސުއޫދު ސަސްޕެންޑު ކޮށްފައިވަނީ ކްރިމިނަލް ކޯޓުގެ ހުރުމަތް ކަނޑާފައިވާތީ ކަމަށެވެ. ކޯޓުން ބުނީ ސުއޫދު ވަނީ ކްރިމިނަލް ކޯޓާއި އެ ކޯޓުގެ ގާޒީންނާއި މެދު އާންމުގެ ހިތްތަކުގައި ނަފުރަތު އުފެދޭ ގޮތަށް ވާހަކަ ދައްކަވާފައި އެވެ.
ސުއޫދު ސަސްޕެންޑު ކުރި އިރު އޭނާ ގެންދަވަނީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ދެކޮޅަށް އެ ކޯޓުގައި ކުރިޔަށްދާ މުހިންމު މައްސަލަތަކުގައި ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތް ކުރައްވަމުންނެވެ.
ސުއޫދު ކޯޓުގެ ހުރުމަތް ކެނޑިކަމަށް ނިންމީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ދައުލަތުގެ މަސައްކަތަށް ހުރަސްއެޅި ކަމަށް ބުނެ ދައުލަތުން އުފުލާފައިވާ ދައުވާގެ ޝަރީއަތުގެ ފުރަތަމަ އަޑުއެހުމުގައި މައްސަލަ ކުރިޔަށް ގެންދަން ގާޒީ ބޭނުންވާ ގޮތެއް ސާފުނުވާ ކަމަށް މީޑިއާގައި ވިދާޅުވެ، ގާޒީ މައްސަލަ ބައްލަވަނީ ހިތުހުރި ގޮތަކަކަށް ވިދާޅުވެފައިވާތީ އެވެ.
އަދި އެއީ އާންމު މީޑިއާ މެދުވެރިކޮށް ކޯޓުގައި ކުރިޔަށްދާ މައްސަލައަކަށް ސުއޫދު ނުފޫޒު ފޯރުވަން މަސައްކަތް ކުރީ ކަމަށް ބަލައި އެކަމަށް ޖަވާބުދާރީ ވުމަށް ކޯޓަށް ހާޒިރުވުމަށް ޗިޓު ފޮނުވުމުން ޗިޓާއި ހަވާލުވުމަށް ފަހު، ކޯޓަށް ހާޒިރު ވެފައި ނުވާތީ އެވެ.
ސުއޫދު ސަސްޕެންޑު ކޮށްފައިވަނީ ސުޕްރީމް ކޯޓުން އާންމުކޮށްފައިވާ ކޯޓުގައި ވަކާލާތު ކުރާ ވަކީލުންނާއި ބެހޭ ގަވައިދުގެ 3.2 ވަނަ މާއްދާގެ (ހ) އަދި (ލ) ގެ ދަށުންނެވެ. އޭނާ ސަސްޕެންޑު ކުރީ މުއްދަތެއް ނެތް ގޮތަށެވެ.
(ތަފްސީލް އަންނަނީ)
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް