މިދިޔަ މަހު ކުއްލި ގޮތަކަށް މަރުވި ބޮލީވުޑް ސުޕާ ސްޓާ ސްރީދޭވީ މަރުވި އިރު ކުޅެން ސޮއި ކޮށްފައިވާ ފިލްމުން ދެން ފެނިގެންދާނީ މަދޫރީ ޑިކްސިޓް ކަމަށް ރިޕޯޓުތައް ބުނެފި އެވެ.
ކަރަން ޖޯހަރަށް އަބީޝެކް ވަރުމާ ޑައިރެކްޓް ކޮށްދޭ އެ ފިލްމުގެ މަސައްކަތް އަންނަ މަހު ފެށުމަށް ސްރީދޭވީ މަރުވި އިރު އޮތީ އޭނާ އާއި އެކު އެއްބަސްވެފަ އެވެ. ސްރީދޭވީ މަރުވުމުން އެ ފިލްމުން އޭނާ ފެނިގެންދާ ރޯލަށް މަދޫރީ ބަދަލު ކުރިކަން ހާމަކޮށް ކަރަން ބުނެފައިވަނީ ފިލްމުގެ މަސައްކަތް ތާވަލާ އެއްގޮތަށް އަންނަ މަހު ފެށޭނެ ކަމަށެވެ.
އެ ފިލްމުން ސްރީދޭވީގެ ބަދަލުގައި ފެނިގެންދާނީ އޭނާގެ އެކުވެރި މަދޫރީ ޑިކްސިޓް ކަން ރަސްމީކޮށް ހާމަ ކުރީ ސްރީދޭވީގެ ދަރިފުޅު ޖާންވީ ކަޕޫރެވެ. ޖާންވީ ވަނީ އޭނާ މަންމަ ކުޅެން ހަމަޖެހެހިފައި އޮތް ރޯލު މަދޫރީ ކުޅެން އެއްބަސްވުމުން އެކަމާ އުފާ ކުރާ ކަމަށް ބުނެފަ އެވެ.
މީގެ ކުރިން އެންމެ ހީކުރީ ސްރީދޭވީ މަރުވި އިރު ސޮއި ކޮށްފައި އޮތީ ކަރަން ޑައިރެކްޓު ކުރާ ޖާންވީގެ ފުރަތަމަ ފިލްމް "ދަޅަކް" އަށް ކަމަށެވެ. ސްރީދޭވީ މަރުވިފަހުން އެގޮތަށް ރިޕޯޓު ކުރުމުން ކަރަން އެއްވެސް އެއްޗެއް ހާމަކޮށްފަ އެއް ނުވެ އެވެ.
ކަރަން އާއި ސްރީދޭވީ އާއި ދެމެދު މަޝްވަރާކޮށް މި ފިލްމު ކުޅުވަން ސްރީދޭވީ އެއްބަސް ކުރުވީ ޖާންވީ ބޮލީވުޑަށް ތައާރަފުވާ ފިލްމު "ދަޅަކް" ކުޅެން އޭނާ ސޮއި ކުރިތާ އެއް ހަފްތާ ފަހުން ކަމަށްވެ އެވެ.
ސްރީދޭވީގެ ބަދަލު މަދޫރީ ފެނިގެންދާ މި ފިލްމުގެ ނަން އަދި ހާމަ ނުކުރާއިރު މިއީ ކޮންކަހަލަ ފިލްމެއް ކަމެއް ނޭނގެ އެވެ. މި ފިލްމުގެ ޑައިރެކްޓަރު އަބީޝެކް ވަރުމާ ވަނީ މީގެ ކުރިން ކަރަން ޖޯހަރަށް "2 ސްޓޭޓް" ޑައިރެކްޓު ކޮށްދީފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް