ސޫދާނުން ރާއްޖެއަށް ކަނޑައެޅުއްވި ނޮން ރެސިޑެންޓް ސަފީރުގެ ފަތްކޮޅު ރައީސަށް އަރުވައިފި

ސޫދާން ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ނޮން –  ރެޒިޑެންޓް ސަފީރު، ހިޒް އެކްސެލެންސީ ސިރާޖުއްދީން ޙާމިދު ޔޫސިފް، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައިސޫލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލ...

20 Mar 2017 | 11:13

ސޫދާން ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ނޮން –  ރެޒިޑެންޓް ސަފީރު، ހިޒް އެކްސެލެންސީ ސިރާޖުއްދީން ޙާމިދު ޔޫސިފް، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައިސޫލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް މިއަދު އަރުއްވައިފިއެވެ.

ރައިސޫލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވެވި ރަސްމިއްޔާތުގަައި ފަތްކޮޅު އެރުއްވުމަށްފަހު، ސޫދާންގެ އައު ސަފީީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވާ ސަފީީރަށް ތަހުނިޔާ ވިދާޅުވެ، ރާއްޖެ ވަޑައިގެންނެވިކަމަށްޓަކައި މަރުޙަބާ ވަނީ ދަންނަވާފައެވެ.

މިއަދު އޮތް ރަސްމިއްޔާތުގައި ރާއްޖެއާއި ސޫދާނާ ދެމެދު އޮތް ޒަމާންވީ އަޚުވަންތަ ގުޅުމަށް 35 އަހަރު ވެފައިވާކަން ވަނީ ފާހަގަ ކުރައްވާފައެވެ. އަދި އެކި ދާއިރާތަކުން ދެ ޤައުމުގެ ދެމެދުގައި ގުޅުން ބަަދަހިކުރުމަށް މަޝްވަރާތަކެއްވެސް ވަނީ ކޮށްފައެވެ. އެގޮތުން، ދެ ޤައުމުންވެސް ޚާއްސަކޮށް އިސްލާމީ ފިޤްޙުގެ ދާއިރާއިންނާއި، މެދުމިނުގެ އިސްލާމީ ވިސްނުން ގެންްގުޅުމުގެ ދާއިރާއިން އެއްބާރުލުން ދިނުމަށް މަަސައްކަތްކުރައްވަމުން އަންނަކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަކުރައްވާފައެވެ. އެމަނިކުފާނު އިތުރަށް ދެއްކެވި ވާހަކަފުޅުގައި، ދެ ޤައުމަށްވެސް ފައިދާކުރަނިވި ގޮތަކަށް ދެޤައުމުގެ ދެމެދުގައި ވިޔަފާރީގެ ރޮނގުން އިތުރަށް ގުޅުން ބަދަހިކުރުމާއި ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ.

ސޫދާނުގެ އައު ސަފީރު ދެއްކެވި ވާހަކަފުޅުގައި ސޫދާނުގެ ރައީސް ހިޒް އެކްސެލެންސީ ފީލްޑް މަރޝަލް އުމަރު ޙަސަން ރައީސުލްޖުމްހޫރިއްޔާއަށް ތަހުނިޔާ ދެންނެވިކަމުގައި ވިދާޅުވިއެވެ. އަދި އެމަނިކުފާނު ވަނީ ރާއްޖެއާއި ސޫދާނާ ދެ ޤައުމުގެ ދޭތެރޭގައިވާ ގުޅުން ފަތުރުވެރިކަމުގެ ދާއިރާއިން އިތުރަށް ބަދަހިކުރުމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

މިއަދު ބޭއްވެވި ރަސްމިއްޔާތުގައި ރައިސުލްޖުމްހޫރިއްޔާގެ އަރިހުގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ މުޙައްމަދު ޢާޞިމާއި، ރައީސޫލްޖުމްހޫރިއްޔާގެ އޮފިހުގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން ރިލޭޝަންސް މުޙައްމަދު ނަޞީރު ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ. އަދި ސޫދާން ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރުގެ އަރިހުގައި މިލިޓަރީ އަޓަޝޭ ބްރިގޭޑިއާ ޢުސްމާން އިސްމާޢީލް ސިރާޖާއި، ކައުންސިލަރ ޢަބްދުއްރަޙްމާން ޢަލީއާއި، އަޓަޝޭ އިސްޙާޤް ޔޫސިފް ވަނީ ބައިވެރިވެވަޑައިގެންނެވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް