މިނިވަން 50 ގެ ހަރަކާތްތައް ކުރިޔަށް ގެންދިއުމަށް ކުންފުނިތަކާއި މަސައްކަތް ހަވާލު ކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް އަމަލު ކޮށްފައިވާ ކަމަށް ބުނެ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ މައްޗަށް ކޮރަޕްޝަނުގެ ތުހުމަތު ކޮށްފި އެވެ.
މިނިވަން 50 ގެ ހަރަކާތްތައް ކުރިޔަށްގެންދިއުމަށް މަސައްކަތް ހަވާލު ކުރުމަށާއި ރޭވުމަށް އޮތީ އެކަމަށް ހާއްސަ ކޮމިޓީއެއް ނަގާފައި އެވެ.
ހޯމް މިނިސްޓްރީގައި ދެންމެ ބޭއްވި ނޫސްވެރިންގެ ކުއްލި ބައްދަލުވުމެއްގައި މިނިސްޓަރު އަޒްލީން އަހުމަދު ވިދާޅުވީ މިނިވަން 50 ގެ ހަރަކާތާއި ގުޅޭ ކަންކަން އެކި ފަރާތްތަކާ ހަވާލު ކުރަން ޖެހެނީ އެ ކޮމެޓީން ކަމަށެވެ. އެހެން ނަމަވެސް، މިނިސްޓަރު ވިދާޅުވީ ބައެއް ކަންކަން ހަވާލުކޮށްފައި ވަނީ ސީދާ އޭރުގެ މިނިސްޓަރު އުމަރުގެ އެންގެވުމުގެ މަތިން ކަމަށެވެ.
އޭނާ ވިދާޅުވީ މިނިވަން 50 ގެ މަސައްކަތްތައް ކުރިޔަށް ދިޔަ ގޮތުގެ ތަހުގީގު އޭސީސީ އާއި އޮޑިޓް އޮފީހުން ކުރަމުން އަންނަ އިރު މިހާތަނަށް ބެލި ބެލިމުން ފާހަގަވެފައިވަނީ ބޮޑެތި އަދަދުތަކުގެ މަސައްކަތް ހަވާލުކޮށްފައިވަނީ މާލިއްޔަތު ގާނޫނާއި ހިލާފަށް ކަން ކަމަށެވެ.
އަޒްލީން މިހެން ވިދާޅުވި އިރު އޭރު ސަރުކާރުގެ ފަރާތުން މިނިވަން 50 ށް އެކުލަވާލި ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވެރިން ވިދާޅުވެފައިވަނީ އެ މަސައްކަތްތައް ހަވާލު ކުރުމުގައި ކޮރަޕްޝަން ނޫޅޭނެ ކަމަށެވެ. މާލިއްޔަތު ގަވާއިދާ ހިލާފަށް، ބީލަމަށް ނުލައި މަސައްކަތްތައް ހަވާލުކުރީ، ތައްޔާރީތަކަށް ވަގުތު ނެތުމާއެކު ބީލަމަށް ނުލައި ހަވާލުކުރުމަކީ މައްސަލައެއް ނޫން ކަމަށް ފިނޭންސް މިނިސްޓްރީގެ ލަފާ ލިބިފައިވާތީ ކަމަށެވެ.
އުމަރަކީ ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް ޔާމީނާ ވާދަ ކުރައްވާނެކަން އިއުލާނު ކުރައްވާފައިވާ ހަމައެކަނި ކެންޑިޑޭޓެވެ. ދެން ވާދަ ކުރައްވާނެކަން އިއުލާނު ކުރެއްވި ބޭފުޅުން ގެންދަވަނީ ކޮންމެވެސް ކުށެއްގައި ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.
މީގެ އިތުރުން އުމަރު އިއްޔެ ވަނީ ދިވެހި ބިން ވިއްކުމާއި އެންމެ ފުރަތަމަ ދެކޮޅު ހަދައި ތެދުވާނީ ޖީއެމްއާރު އަތުން އެއާޕޯޓު އަތުލަން މަސައްކަތް ކުރި ޓީމު ކަމަށް ވިދާޅުވެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް