މި ސަރުކާރުން ކޮރަޕްޝަނާއި ގުޅުން ހުރި ކަންކަމުގައި އަމަލު ކުރަމުންދާ ކަންކަމުގެ ހިތި ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގެ ވޯޓުން ފެނިގެން ދާނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ.
އުމަރު ފޭސްބުކްގައި ވިދާޅުވެފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓުގައި އެމްއޭސީއެލްއިން ބޮޑު ހޭދައެއް ކޮށްގެން ހަދާފައިވާ ސީޕްލޭން ޓާމިނަލް ކުއްޔަށް ދިނުމުގެ މައްސަލަގާއި ސަރުކާރުން މިހާރު ނިންމާފައިވާ ގޮތަކީ ކޮރަޕްޝަނެއް ކަމަށެވެ. އޭނާ ވިދާޅުވީ ޓީއެމްއޭ ގެ މައްސަލަ ސަރުކާރުން މިއަދު ނިންމާފައިވާ ނިންމުމުގެ ހިތި 2023 އަހަރުގެ ވޯޓުފޮށިން ފެނާނެ ކަމަށެވެ.
"ކޮންމެ ބަޔަކު ވެސް ވެރިކަމަށް އައުމަށް ފަހު ދުނިޔަވީ އެދުންތަކަށް ލެބި، މިސްރާބު ގެއްލި، ވީ ވައުދުތަކުގެ މަތިން ހަނދާން ނެތިގެންދޭ، މި އުޅުއްވާ ސިޔާސީ ލީޑަރުންތައް އިންތިހާބު ކޮށްގެން ލިބޭނީ އެކައްޗެއް. ވާނީ އެއް ގޮތެއް. ނުކުންނާނީ އެއް ނަތީޖާއެއް. މި ރާއްޖެ ދާންވީ މުޅިން އާ މިސްރާބަކަށް،" އުމަރު ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ ރައީސް ސޯލިހުގެ ސަރުކާރަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށްވުރެ ކޮރަޕްޓް ސަރުކާރެއް ކަމަށެވެ.
އުމަރު އެ އިޝާރާތް ކުރައްވަނީ ސަރުކާރާ ދެކޮޅަށް ބޮޑެތި ބަދަލު ހޯދަން ޝަރީއަތަށް ހުށަހެޅުމުން ކޯޓުން ބޭރުގައި މައްސަލަ ހައްލު ކުރަން ކަމަށް ބުނެ އެތައް މިލިއަން ފައިސާއެއް އަމިއްލަ ކުންފުނިތަކަށް ދައުލަތުގެ ބަޖެޓުން ދެމުންދާ މައްސަލަ ފެންމަތި ވެފައިވާތީ އެވެ.
އަދި ޓީއެމްއޭ މައްސަލައިގަވެސް އެ ކުންފުންޏަށް ދޭން ކުރިން ކަނޑައެޅި އަކަފޫޓުގެ މިންވަރު ކުޑަކުރި ނަމަވެސް އަގަކަށް މި ސަރުކާރުން ބަދަލު ގެނެސްފައެއް ނުވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް